ކޮވިޑް ޖެހިގެން ރާއްޖެއިން މިއަދު ދެވަނަ މީހަކު މަރުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިރޭ 06:52 ގައި އޭޑީކޭ ހޮސްޕިޓަލްގެ އީއާރަށް ގެންދިޔަ 62 އަހަރުގެ ފިރިހެނަކު މަރުވެފައިވާ ކަމަށާއި އޭނާ ކޮވިޑަށް ޕޮޒިޓިވް ކަމަށެވެ. އެނގިފައިވާ ގޮތުގައި ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ ވަނީ މަރުވެފަ އެވެ.

މިއީ ރާއްޖޭގައި ކޮވިޑް ޖެހިގެން މަރުވި 114 ވަނަ މީހާ އެވެ.

މިއަދު މި ބަލީގައި އެންމެ ފުރަތަމަ މަރުވީ ލ. ކަމު ކޮވިޑް ފެސިލިޓީގައި ފަރުވާދިން 36 އަހަރުގެ ނޭޕާލްގެ މީހެކެވެ. އޭނާ އަކީ ލ. މާންދޫގައި ހުންނަ ހޮރައިޒަން ފިޝަރީޒް ގައި މަސައްކަތް ކުރަމުން ދިޔަ މީހެކެވެ. އޭނާ މަރުވީ އިތުރުފަރުވާއަށް ސީއެމްބިއުލާންސްގައި މާލެ ގެންނަނިކޮށެވެ.

މި މަހުގެ ތެރޭގައި ގިނަ އަދަދެއްގެ މީހުން ވަނީ ކޮވިޑް ޖެހިގެން މަރުވެފަ އެވެ.

ރާއްޖޭގެ ގިނަ ރަށްތަކުގައި ކޮވިޑް އަންނަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ. އެކަމާ ގުޅިގެން އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން މިހާރު ވަނީ މަނާކޮށްފަ އެވެ.