ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލްޣަފޫރުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާ ބާތިލް ކަމަށް ކަނޑައަޅައި ހުކުމް ކުރި ގާޒީ އިސްމާއީލް ރަޝީދު ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިރޭ ނެރުނު ބަޔާނެއްގައި ވާގޮތުން އެ ހަތް ދައުވާގެ މައްސަލަ ކޯޓަށް ހުށަހެޅުމުގެ ކުރިން ހުކުމް އޮތީ ލިޔެފައިކަން ތަހުގީގުން އެނގެން އޮވެ އެވެ.

އެކަން އެނގުނީ ޖޭއެސްސީން ހޯދި އިސްމާއިލް ރަޝީދުގެ ޕެންޑްރައިވަކުންނެވެ. އޭގައިވާ ގޮތުން ފެބްރުއަރީ މަހުގެ ތެރޭގައި އެ މައްސަލަތަކުގެ ހުކުމް ލިޔަން ވަނީ ފަށާފަ އެވެ. އޭރު އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިނުވެ އެވެ.

އެހެންކަމުން އެ ހަތް މައްސަލާގައި އިސްމާއީލް ރަޝީދު ހުކުމް ކޮށްފައި ވަނީ އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި ކަމުގައި ބެލެވެން ނެތް ކަމަށް ވެސް ޖޭއެސްސީގެ ބަޔާނުގައިވެ އެވެ.

އެހެންކަމުން އެއީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފު ކަމެއް ކަމުގައިވާތީ، އޭނާ ފަނޑިޔާރުކަމުން ވަކިކުރަން މަޖިލީހަށް ހުށަހަޅަން ޖޭއެސްސީން ވަނީ ފާސްކޮށްފަ އެވެ.

އެ ހަތް މައްސަލައިގެ ހުކުމް ހައިކޯޓުން ވަނީ ބާތިލްކޮށްފަ އެވެ. އަދި އެއަށްފަހު އެ މައްސަލަތައް އަލުން ކްރިމިނަލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ވަނީ ދައުވާތައް ސާބިތުވާ ކަމަށް ކަނޑައަޅައި ދިގު މުއްދަތެއްގެ ޖަލު ހުކުމެއް އަދީބަށް އިއްވާފަ އެވެ.