ދުވަސްވީ ސާމްޕަލްތަކާ އެކު މިއަދު ވެސް 1،004 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭ އިން އިއުލާންކޮށްފި އެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މާލެ ސަރަހައްދުން ޕޮޒިޓިވްވެފައި ވަނީ 835 މީހުންނެވެ. އަތޮޅުތަކުގެ ރަށްތަކުން 153 މީހަކު ޕޮޒިޓިވްވިއިރު، ރިސޯޓްތަކުން 12 މީހަކާއި ސަފާރީތަކުން ހަތަރު މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައި ވަނީ ޖުމްލަ 58،345 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 23،033 ގައި މިހާރު ހުރިއިރު 34،159 މީހުން ވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ.

މި ބަލި ޖެހިފައިވާ 289 މީހަކަށް ހޮސްޕިޓަލްތަކުގައި ދަނީ ފަރުވާ ދެމުންނެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް 144 މީހަކު ވަނީ މަރުވެފަ އެވެ.

އަތޮޅުތަކުގައި ކޮވިޑް ކޮންޓްރޯލް ކުރަން އަޅާ ފިޔަވަޅެއްގެ ގޮތުން ޒަރޫރީ ބޭނުމެއްގައި ނޫނީ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ވަނީ މަނާކޮށްފަ އެވެ.