ރާއްޖޭގައި ކޮވިޑްގެ ނުރައްކާ ބޮޑުވެ ހޮސްޕިޓަލްތައް ފުރި، އެންމެނަށް ފަރުވާނުދެވޭ ހާލަތަށް ބަދަލުވެދާނެ ކަމަށް ބެލެވިފައިވާތީ ކޮވިޑަށް ފަރުވާ ދިނުމަށްޓަކައި ހުޅުމާލޭގައި އިތުރު ފެސިލިޓީއެއް ގާއިމް ކުރަން ސަރުކާރުން ނިންމައިފި އެވެ.

ކޮވިޑްގެ ހާލަތާ ގުޅޭގޮތުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ 270 އެނދުގެ އިތުރު ފެސިލިޓީއެއް ހުޅުމާލޭގައި ގާއިމް ކުރަން ސަރުކާރުން ނިންމާފައިވާކަން އިއުލާން ކުރައްވާފަ އެވެ.

އެ ފެސިލިޓީ ގާއިމް ކުރުމާ ގުޅޭ އިތުރު ތަފްސީލު ރައީސް ނުދެއްވަ އެވެ.

މިހާރު ހުޅުމާލޭގައި ގާއިމް ކޮށްފައިވާ ކޮވިޑް ފެސިލިޓީގެ ޖާގައަކީ 250 އެވެ. ބައެއް ފަހަރު އެތަން ވެސް ފުލްވުމާ ގާތަށް މީހުން އެޑްމިޓް ކުރަންޖެހެ އެވެ. އަދި އެތަނުން އެކަށީގެންވާ ގޮތެއްގައި ބަލި މީހުންނަށް ޚިދުމަތް ނުލިބޭ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ.

ރައީސް ވިދާޅުވީ އެ ފެސިލިޓީގެ ހާލަތު ރަނގަޅު ކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ. އެގޮތުން އެތަނަށް އިތުރު ނަރުހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މިހާރު އެތަނުގައި ތިބީ 116 ނަރުހުންނެވެ. ނަމަވެސް އެތަނުގައި އެޑްމިޓް ކުރާ މީހުންގެ އަދަދާ އަޅާބަލާއިރު، އެ އަދަދު އެކަށީގެންނުވެ އެވެ. އެ ފެސިލިޓީގައި މަސައްކަތް ކުރުމަށް ނަރުސްކަން ކިޔަވާ 144 ދަރިވަރަކާ ވާހަކަ ދައްކަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.