ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާދެމުން ދިޔަ އިތުރު މީހަކު މިރޭ މަރުވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި މިރޭ މެންދަމުގެ ވަގުތެއްގައި މަރުވެފައި ވަނީ އެ ފެސިލިޓީގައި ފަރުވާ ދެމުންދިޔަ އުމުރުން 54 އަހަރުގެ ފިރިހެނެކެވެ.

މިއީ މި ބަލީގައި ރާއްޖެއިން މިހާތަނަށް މަރުވި 152 ވަނަ މީހާ އެވެ. މިއީ ކޮވިޑްގައި އެންމެ ގިނަ މީހުން ރާއްޖެއިން މަރުވި މަހެވެ. މި މަހުގެ މިހާތަނަށް 70 އަށް ވުރެ ގިނަ މީހުން ވަނީ މި ބަލީގައި މަރުވެފަ އެވެ.

މިހާރުވެސް ހޮސްޕިޓަލްތަކުގައި މި ބައްޔަށް ޕޮޒިޓިވްވެފައިވާ ގިނަ އަދަދެއްގެ ބަޔަކަށް އަންނަނީ ފަރުވާދެމުންނެވެ.

ކަންބޮޑުވާންޖެހޭ މިންވަރަށް ރާއްޖޭގައި ކޮވިޑް ފެތުރެން ފެށުމާ އެކު ޒަރޫރީ ބޭނުމެއްގައި ނޫނީ ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ވަނީ މަނާކޮށްފަ އެވެ. އަދި މޮނިޓަރިންގެ ހާލަތަށް ގެނެވޭ ކޮންމެ ރަށެއްގައި ރޭގަނޑު 9:00 އިން ފަތިހު 4:00 އަށް ކާފިއު ހިންގަން ވެސް ވަނީ ނިންމާފަ އެވެ.

މި ބަލި އެންމެ ބޮޑަށް ފެތުރިފައިވާ ވެރިރަށް މާލޭގައި ވެސް ވަނީ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ. އެގޮތުން ފުލުހުން ދޭ ޚާއްސަ ފާހަކާ އެކު ނޫނީ ގެއިން ބޭރަށް ނުކުތުން ވަނީ މަނާކޮށްފަ އެވެ. އަދި މާލެ އާއި ހުޅުމާލެއާ ދެމެދު ދަތުރުކުރުން ވަނީ މަނާކޮށްފަ އެވެ.