ފުރުގާނު މިސްކިތުގައި ނަމާދުކުރި މީހަކު ފުލުހުން މިއަދު ޖޫރިމަނާ ކޮށްފި އެވެ.

އަމީނީމަގުގައި ހުންނަ ފުރާގަން މިސްކިތަށް މިއަދު ނަމާދަށް ދިޔަ މީހަކު ފޭސްބުކުގައި ލިޔެފައިވާ މެސެޖެއްގައި ވަނީ އޭނާ މިސްކިތުން ފޭބުމާއެކު ތިއައީ ނަމާދުކޮށްގެންތޯ ސުވާލުކުރުމަށްފަހު ފުލުހުން 1،000 ރުފިޔާ އިން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

އޭނާއަށް ފޮނުވި ޖޫރިމަނާގެ ސްލިޕްގައި ވަނީ ޖޫރިމަނާ ކުރީ ހުއްދަ ނެތި ބޭރުގައި އުޅުމުން ކަމަށެވެ. ނަމަވެސް ފުލުހުން ސުވާލު ކުރީ މިސްކިތަށް އެރި މައްސަލާގަ އެވެ.

އެކަމާ ގުޅިގެން 119 އަށް ގުޅުމުން މިސްކިތުގައި ނަމާދު ކުރުމަކީ މަނާކަމެއް ކަމަށް ބުނެފައިވާކަމަށް ވެސް އޭނާ ބުންޏެވެ.

މާލޭގައި ކޮވިޑް ފެތުރޭ މިންވަރު އިތުރުވެފައިވާތީ ޖަމާއަތުގައި ނަމާދު ކުރުން މަނާކުރުމަށްފަހު ދުވަސްކޮޅެއް ފަހުން ވަނީ މިސްކިތްތައް ބަންދުކުރަން ނިންމާފަ އެވެ.

މިކަމާ ގުޅޭގޮތުން ޖަމްއިއްޔަތުއް ސަލަފުގެ އިސް ބޭފުޅެއްކަމަށްވާ އަލީ ރަމީޒު ވިދާޅުވީ މިސްކިތްތަކަށް އެއްގޮތަކަށް ވެސް ނުވަދެވޭ ގޮތަށް މިހާ ހަރުކަށިކޮށް މިސްކިތްތައް ބަންދުކުރުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އެކަމާ ގުޅޭގޮތުން ކަންބޮޑުވުންފާޅުކޮށް އައްޝައިޚް ޒަމްޒަމް ފާރިޝް ވަނީ މިސްކިތްތައް ބަންދުކުރާ މައްސަލަ ހައްލު ކުރުމަށް ސަރުކާރަށް ގޮވާލާފަ އެވެ.