ބެއިޖިން (2 ޖޫން)- ޗައިނާއިން ދޫނި ރޯގާގެ އާ ވޭރިއަންޓެއް ފެނިއްޖެ ކަމަށް އެ ގައުމުގެ މީޑިއާތަކުން ބުނެފި އެވެ.

އިންސާނެއްގެ ގައިން އަލަށް ފެނުނު މި ވޭރިއަންޓް ފެނިފައިވަނީ 41 އަހަރުގެ ފިރިހެނެއްގެ ފަރާތުންނެވެ. މި މީހާއަށް ވައިރަސް ޖެހުނުގޮތުގެ ތަފްސީލް އޮފިޝަލުން ހާމަކޮށްފައި ނުވާއިރު މިއީ ގައިން ގަޔަށް އެރުން ދުރު ވައިރަސްއެއް ކަމަށް އެފަރާތްތަކުން ބުނެ އެވެ.

ދޫނި ރޯގާގެ އެކި ވޭރިއަންޓްތައް މިހާތަނަށް ފެނިފައިވާއިރު ދޫނިސޫފާސޫފި ގެންގުޅޭ މަރުކަޒުތަކުގެ މުވައްޒަފުންނަށް މި ވައިރަސް ޖެހުމަކީ އާއްމު ކަމެކެވެ.

މިބަލި ފެނުނު މީހާގެ ކޮންޓެކްޓް ޓްރޭސިން ހަދާ ނިމިފައިވާއިރު އިތުރު މީހެއްގެ ގައިން މި ވައިރަސް ފެނިފައި ނުވާ ކަމަށް އޮފިޝަލުން ބުނެ އެވެ.

ބެއިޖިންގެ ނެޝަނަލް ހެލްތް ކޮމިޝަނުން ބުނީ 28 އޭޕްރީލް ވީ ދުވަހު ބަލިވެގެން ހޮސްޕިޓަލުގައި އެޑްމިޓްކުރި މީހަކު އޭގެ އެއްމަސް ފަހުން ދޫނި ރޯގާގެ އާ ވައިރަސް އަކަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

މިހާތަނަށް މި ވައިރަހުގެ އިތުރު ކޭސްއެއް ފެނިފައިނުވާއިރު އާބާދީގެ ތެރޭގައި މި ވައިރަސް ބޮޑަށް ފެތުރުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.-- ބީބީސީ