އިތުރު 648 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭ އިން އިއުލާންކޮށްފި އެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މާލެ ސަރަހައްދުން ޕޮޒިޓިވްވެފައި ވަނީ 349 މީހުންނެވެ. އަތޮޅުތަކުގެ ރަށްތަކުން 270 މީހަކު ޕޮޒިޓިވްވިއިރު، ރިސޯޓްތަކުން 13 މީހަކު އަދި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރާ ރަށަކުން 16 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައި ވަނީ ޖުމްލަ 66،516 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 22،375 ގައި މިހާރު ހުރިއިރު 43،959 މީހުން ވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ.

މި ބަލި ޖެހިފައިވާ 213 މީހަކަށް ހޮސްޕިޓަލްތަކުގައި ދަނީ ފަރުވާ ދެމުންނެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް 173 މީހަކު ވަނީ މަރުވެފަ އެވެ.

އަތޮޅުތަކުގައި ކޮވިޑް ކޮންޓްރޯލް ކުރަން އަޅާ ފިޔަވަޅެއްގެ ގޮތުން ޒަރޫރީ ބޭނުމެއްގައި ނޫނީ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ވަނީ މަނާކޮށްފަ އެވެ. އަދި ފުލުހުން ދޭ ހުއްދައެއްގެ ދަށުން ނޫނީ މާލޭގައި ގެއިން ބޭރަށް ނުކުތުން ވަނީ މަނާކޮށްފަ އެވެ.