މާލެއިން ރަށްރަށް ދާން ހުއްދަދޭ އުސޫލު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހަރުކަށި ކޮށްފި އެވެ.

އެޗްޕީއޭގެ ޑިރެކްޓަ ޖެނެރަލް މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި އާންމުކޮށްފަައިވާ އުސޫލުގައި ވަނީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މާލެ ސަރަހައްދުން ރަށްރަށަށް ދަތުރުކުރުމުގައި އަމަލު ކުރާ އުސޫލުގެ ދަށުން ދެން ދަތުރުކުރެވޭނީ ޒަރޫރީ ބޭނުންތަކަށް އެކަނި ކަމަަށެވެ.

އެ އުސޫލުގައިވާގޮތުން ސިއްހީ ފަރުވާ ހޯދުމަށް މާލެ އައިސް އެނބުރި ދާންޖެހޭ މީހުންނާއި އެފަދަ މީހަކާއެކު ކޮންމެހެން ދާންޖެހޭ މީހުންނަށް ވެސް މާލެއިން ރަށް ރަށަށް ދިޔުމުގެ ހުއްދަ ދެވޭނެ އެވެ. އަދި މާލޭގައި ވަޒީފާ އަދާކުރަމުންދާ ވަޒީފާ ހުއްޓާލަން ޖެހުން ފަދަ ކަންކަން ދިމާވެގެން މާލޭގައި ތިބުން ދަތިވެފައިވާ މީހުންނާއި މާލޭގައި ދިރިއުޅެވެން ނެތިގެން ރަށަށް ދިރިއުޅުން ބަދަލުކުރާ މީހުންނަށް ވެސް ރަށަށް ދިޔުމުގެ ހުއްދަ ލިބެ އެވެ.

ތައުލީމު ހާސިލު ކުރުމަށް މާލެ އައިސް ކިޔަވާ ނިމިފައިވާ ދަރިވަރުންނަށްވެސް ހުއްދަ ދެ އެވެ. އެކަމަކު ކިޔެވުން ވަގުތީ ގޮތުން މެދުކެނޑިފައިވާ ދަރިވަރުންނަށް ޗުއްޓީއަށް ރަށަށް ދާން ހުއްދަ ނުދެވޭނެ ކަމަށް އެ އުސޫލުގައިވެ އެވެ.

މައިންބަފައިން ބަލިވުން ނުވަތަ އަނބިމީހާ ވިހެއުންފަދަ ކަންކަމުގައި ރަށަށް ދާން އެދޭ މީހުންނަށް ހުއްދަ ވެސް ހުއްދަ ދެވޭނެ ކަމަށް އެ އުސޫލުގައިވެ އެވެ.

ޒަރޫރީ ބޭނުންތަކަށް ދަތުރުކުރާ މީހުން ދަތުރު ކުރުމުގެ ހުއްދަ ހޯދުމަށް އެދި މާދަމާއިން ފެށިގެން ހުށަހަޅަން ޖެހޭނީ "ހާލުބެލުން ޕޯޓަލް" މެދުވެރިކޮށް ކަމަށެވެ. އެޗްޕީއޭ އިން ބުނީ އެގޮތަށް ހުށަހަޅާއިރު، އެމީހަކު ދަތުރުކުރާ ރަށުގެ ކައުންސިލުން ދޫކޮށްފައިވާ ދަތުރުކުރާނީ ޒަރޫރީ ބޭނުމުގައިކަން އަންގައިދޭ ލިޔުން ކައުންސިލް މެދުވެރިކޮށް ހާލު ބެލުމުގެ ޕޯޓަލްއަށް އަޕްލޯޑް ކުރަންޖެހޭނެ ކަމަށެވެ.