އަމީރު އަޙްމަދު ޕްރީ ސްކޫލް ހިންގި ބިން އެޑިއުކޭޝަން މިނިސްޓްރީއަށް 35 އަހަރަށް ދިނުމަށް ނިންމާފައިވާ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މާލެ ސިޓީ ކައުންސިލުންގެ މަސައްކަތްތަކާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މޭޔަރު ޑރ. މުއިއްޒު ވިދާޅުވީ ބިން ދޫކުރުމަށް ކައުންސިލުން ނިންމާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި އެޑިއުކޭޝަން މިނިސްޓްރީގެ އެދުމުގެ މަތިން ކަމަށެވެ. އަދި މިކަމަކީ މީގެ ކުރިން ވެސް އެޑިއުކޭޝަން މިނިސްޓްރީން ސިޓީ ކައުންސިލްގައި އެދެމުން އައި ކަމެއް ކަމަށް މޭޔަރު ވިދާޅުވި އެވެ. މި ބިން ދޫކޮށްފައިވަނީ ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
"މި ބިމުގައި ތަޢުލީމުދޭ މަރުކަޒެއް ހިންގާ ބެލެހެއްޓުމަށް އެޑިއުކޭޝަން މިނިސްޓްރީއަށް ދޫކުރުމަށް މި ނިންމީ. ކައުންސިލްގެ އިއްތިފާގުން. ފާސްކުރީ 35 އަހަރަށް ބިން ދޫކުރުމަށް،" މޭޔަރު ވިދާޅުވި އެވެ.
މީގެ އިތުރުން ޑރ. މުއިއްޒު ވިދާޅުވީ އެ ބިން، ތަޢުލީމުދޭ މަރުކަޒެއްގެ ގޮތުގައި ބޭނުންކުރުމަށް ދިގު މުއްދަތަކަށް ދޫކޮށްފައި ވަނީ، މިކަމަކީ އެ ސަރަޙައްދުގެ ރައްޔިތުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބޭނެ އަދި މިކަމަށް ރައްޔިތުން އެދެމުންދާ ކަމަކަށްވާތީ ކަމަށެވެ.
އަމީރު އަހުމަދު ހިންގާ ބިމާއި ހެންވޭރު އަވަށު އޮފީހުގެ ބިމުގައި މިހާރުވެސް އަމީރު އަހުމަދު ޕްރީސްކޫލުގެ އިތުރުން ފިންލެންޑް އިންޓަނޭޝަނަލް ސްކޫލު ހިންގަ އެވެ. އެ ދެ ތަން ހިންގަނީ އައިލެންޑާސް އެޑިއުކޭޝަނުންނެވެ.