ވަކި ވަކި ސިފައިން މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކުރުމަކީ ސިފައިންގެ ގާނޫނުގެ ދަށުން ކުރެވޭނެ ކަމެއް ނޫން ކަމަށް ބުނުމަށްފަހު އެންމެފަހުން ވަކި ވަކި ސިފައިން މަޖިލީހުގެ 241 ކޮމިޓީގެ އިންކުއަރީއަށް ހާޒިރުކުރަން ފަށައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ބުނީ 241 ކޮމިޓީން ކުރިއަށްގެންދާ އިންކުއަރީގެ މަސައްކަތް މިރޭ ވެސް ކުރިއަށްގެންދިޔަ ކަމަށެވެ. އެގޮތުން ވަކި ވަކި ސިފައިން ކޮމިޓީއަށް ހާޒިރުކޮށްފައިވާ ހަތަރު ފޮޓޯއެއް މަޖިލީހުގެ އިދާރާ އިން ވަނީ ހާމަކޮށްފަ އެވެ.

މީގެކުރިން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލު އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް ވަނީ ކޮމިޓީއަށް ހާޒިރުކޮށްފަ އެވެ. ހަމައެހެންމެ ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ)ގެ ވެރިޔާ ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރުވެސް ހާޒިރުކޮށްފައިވެ އެވެ.

241 ކޮމިޓީގެ މުގައްރިރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެފައި ވަނީ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވެސް އެ ކޮމިޓީއަށް ހާޒިރުކުރާނެ ކަމަށެވެ.

ވަކި ވަކި ސިފައިން މަޖިލީހުގެ ކޮމިޓީއަށް ހާޒިރުނުކުރެވޭނެ ކަމަށް ބުނެ، ޑިފެންސް މިނިސްޓަރުގެ ނައިބު ހަސަން ޒަމީލް ސޮއިކުރައްވައި މަޖިލީހަށް ސިޓީއެއް ފޮނުވި މައްސަލަ ދާދިފަހުން ވަނީ ހޫނުވެފަ އެވެ. އެ މައްސަލައާ ގުޅިގެން އޭނާގެ މައްޗަށް ދައުވާކޮށްދިނުމަށް މަޖިލީހުގެ ރައީސްގެ އެންގުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި އެވެ.

ނަމަވެސް އެ އޮފީހުން ވަނީ އެ މައްސަލަ ތަހުގީގު ކުރަން ފުލުހުންނަށް ހުށަހެޅުމަށް ލަފާދީފަ އެވެ.