ކޮވިޑް ޖެހިގެން އިތުރު މީހަކު މަރުވެ، މި ބަލީގައި މަރުވި މީހުންގެ އަދަދު 192 އަށް އަރައިފި އެވެ.

އެނގިފައިވާ ގޮތުގައި ކޮވިޑް ޖެހިގެން މިރޭ މަރުވީ އައިޖީއެމްއެޗްގެ އީއާރަށް ގެންދިޔަ މީހެކެވެ. އެއީ އުމުރުން 56 އަހަރުގެ ދިވެހި އަންހެނެކެވެ.

މިއާއެކު މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު މިވަނީ 192 އަށް އަރާފަ އެވެ. މި ބަލީގައި އެންމެ ގިނަ މީހުން މަރުވީ މިދިޔަ މެއި މަހުގެ ތެރޭގަ އެވެ. މެއި މަހުގެ ތެރޭގައި 85 އަށް ވުރެ ގިނަ މީހުން ވަނީ މި ބަލީގައި މަރުވެފަ އެވެ.

އެންމެ ގިނައިން މީހުން މަރުވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަހްމަދު ޝަހީދު ވިދާޅުވީ މި ބަލީގައި މަރުވި މީހުންގެ ތެރެއިން 20 ޕަސެންޓް މީހުންނަކީ އެއްވެސް ބައްޔަކަށް ބޭސްކުރަމުން ނުދާ މީހުން ކަމަށެވެ. މިހާރު ވެސް ގިނަ ބަޔަކު އަންނަނީ މި ބައްޔަށް އައިސީޔޫގައި ފަރުވާ ހޯދަމުންނެވެ.