އިންޑިއާ އިން ފެނުނު ކޮވިޑްގެ ނުރައްކާތެރި ވޭރިއެންޓް ރާއްޖޭގައި އުޅޭ ކަމަށް ބެލެވޭ ކަމަށް ޑރ. އަހްމަދު ފައިސަލް ވިދާޅުވެއްޖެ އެވެ.

ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ފައިސަލް މިއަދު ވިދާޅުވިގޮތުގައި އެގޮތަށް ބެލެވޭ ސަބަބަކީ ރާއްޖޭގައި ކޮވިޑް ފެތުރޭ މިންވަރު ހަލުވިވެފައި، ހައި ރިސްކު ނޫން މީހުން ވެސް ހާލު ދެރަވެ މަރުވާ ހިސާބަށް ދިޔުމެވެ.

ޑޮކްޓަރު ވިދާޅުވީ މާބަނޑު މީހުންނާއި ކުޑަކުދިން ވެސް ކޮވިޑް ޖެހޭ މިންވަރު އިތުރުވެފައިވާ ކަމަށެވެ. އިންޑިއާ އިން ފެނިފައިވާ ވޭރިއަންޓަށް އިންޑިއާ ވޭރިއަންޓް ކިޔާތީ އެގައުމުގެ ސަރުކާރުން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށް، ޑަބްލިއުއެޗްއޯ އިން ވަނީ އެ ވޭރިއަންޓަށް ޑެލްޓާ ވޭރިއަންޓްގެ ނަމުން ނަންދީފަ އެވެ.

އެ ވޭރިއަންޓުގެ ނުރައްކާތެރިކަމާ ހުރެ އެތައް ގައުމަކުން އަންނަނީ ކަންބޮޑުވަމުންނެވެ. ރާއްޖޭގައި އުޅެނީ ކޮން ވޭރިއަންޓެއްތޯ ބެލުމަށް ރާއްޖެއިން ބޭރަށް ޓެސްޓް ހެދުމަށް ސާމްޕަލެއް ފޮނުވާފައިވާ ކަމަށް މީގެ އެތައް މަސް ކުރިން އެޗްއީއޯސީން ވަނީ ބުނެފަ އެވެ. ނަމަވެސް އަދިވެސް އޭގެ ނަތީޖާއެއް ލިބުނުކަން ހާމަކޮށްފައެއްނުވެ އެވެ.

ބައެއް ފަރާތްތަކުން ތުހުމަތު ކުރާގޮތުގައި އިންޑިއާ އިން ނުރުހިދާނެތީ އެ ޓެސްޓްގެ ނަތީޖާ ހާމަކުރަން ސަރުކާރުން ފަސްޖެހެނީ އެވެ. އަދި އެފަދައިން ވިދާޅުވުމުން ޑރ. ފައިސަލާ މެދު ފިޔަވަޅު އެޅުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ދެކެ އެވެ.