ބެންކޮކް (13 ޖޫން) - ތައިލެންޑްގައި ކޮވިޑް- 19 އެންމެ ބޮޑަށް ފެތުރުނު އެއް ސަރަހައްދު ކަމަށްވާ ވެރިރަށް ބެންކޮކްގައި ވިޔަފާރިތައް އަލުން ހުޅުވުމުގެ ހުއްދަތައް ދޭން ފަށައިފި އެވެ.

އެގޮތުން ސެލޫންތަކާއި ޓެޓޫ ޕާލާޒްގެ އިތުރުން މަސާޖްކުރުމުގެ ހިދުމަތް ދޭ ތަންތަން މިއަދުން ފެށިގެން ހުޅުވައި، ހިންގޭނެ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ޕްރަޔުތު ޗަން އޯ ޗާ ވަނީ ވިދާޅުވެފަ އެވެ. އަދި މިއާއެކު އެ ސަރަހައްދުގެ އާއްމު މައިދާންތައް ކަމަށްވާ ޕާކުތަކާއި ބަގީޗާތަކުގެ އިތުރުން ދާރުލްއާސާރުތައް އާއްމުންނަށް ވަދެވޭނެހެން ހުޅުވާހެވޭނެ އެވެ.

މިހާތަނަށް އެ ގައުމަށް ކުރިމަތިވި ކޮވިޑް -19ގެ އެންމެ ނުރައްކާތެރި ރާޅުގެ ހާލަތު ރަނގަޅުވެ، ގިނަ ބަޔަކު ވެކްސިން ފުރިހަމަ ކޮށްފައިވާތީ އެޅިފައިވާ ފިޔަވަޅުތަކަށް މަޑުމަޑުން ލުއި ދެވިގެންދާނެ ކަމަށް ޕްރަޔުތު ވިދާޅުވި އެވެ.

ބެންކޮކަކީ އެ ގައުމުގައި ކޮވިޑް އެންމެ ބޮޑަށް ފެތުރުނު ސަރަހައްދުކަމަށް ވީއިރު، ސިއްހީ އިދާރާތަކުން ދަނީ އެ ސަރަހައްދުގައި ވެކްސިން ޕްރޮގްރާމްތައް ފުޅކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އާދީއްތަ ދުވަހު ތައިލެންޑްގައި 2،804 ކޮވިޑް ކޭސް ރެކޯޑް ކުރެވިފައިވާ އިރު، ހަމަ އެދުވަހު އެ ބަލީގައި އިތުރު 18 މީހަކު އެ ގައުމުން މަރުވެފައި ވެއެވެ. -- ދަ ސްޓްރެއިޓްސް ޓައިމްސް