ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ނަމުގައި މަކަރާއި ހީލަތުން އޮޅުވަލައިގެން 60,000 އަށްވުރެ ގިނަ ރުފިޔާ ހޯދި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، އެ މައްސަލައާ ގުޅިގެން މި މަހުގެ ނުވަ ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ 34 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ހައްޔަރުކުރި މީހާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހައިފަ އެވެ.

އެ މީހާއަކީ މަކަރާއި ހީލަތުން މީހުން އަތުން ފައިސާ ހޯދުމުގެ ކުށުގެ ރެކޯޑް އޮންނަ މީހެކެވެ.

ބީއެމްއެލްގެ ނަމުގައި ކަސްޓަމަރުންގެ ޒާތީ މައުލޫމާތު ހޯދުމަށް އެކި މީހުންގެ މޮބައިލް ފޯނުތަކަށް ގުޅުމަކީ ރާއްޖޭގައި އާންމު ކަމެކެވެ. އެފަދަ ކޯލްތައް ކުރާ މީހުންގެ އަވައިގައި ޖެހި ގިނަ ބަޔަކު ޖެހިފައިވެ އެވެ. އޮޅުވާލައިގެން އެފަދަ މީހުން ހޯދަނީ އެކައުންޓް ނަންބަރާއި ކޭޝްކާޑްގެ ސިއްރު މައުލޫމާތުތަކެވެ.

މިފަދަ ކަންކަމަށް ސަމާލުވުމަށް ބޭންކުން އަންނަނީ ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ.