ރާއްޖޭގެ އެއްވެސް އެއާޕޯޓެއް ހިންގަން ބޭރުގެ ފަރާތަކަށް މި ސަރުކާރުން ނުދޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ފައްޔާޒު ވިދާޅުވީ ބޭރުގެ ފަރާތްތަކަށް އެއްވެސް އެއާޕޯޓެއް ދިނުމުގެ އެއްވެސް ވިސްނުމެއް މި ސަރުކާރުން ނުގެންގުޅޭ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ އެެއާޕޯޓުތައް ހިންގަން ދޫނުކުރި ނަމަވެސް މުސްތަގުބަލުގައި އެތަންތަނުގެ ހިއްސާ ދިވެހި ކުންފުނިތަކަށް ވިއްކުމުގެ ވިސްނުން ގެންގުޅޭ ކަމަށެވެ.
ރީޖަނަލް އެއާޕޯޓްސް ކުންފުނި ހަދައިގެން އެ ކުންފުނި ރަނގަޅަށް ވަރުގަދަވެ، ބޮޑުވެ އެ ކުންފުންޏަކީ ކާމިޔާބު ކުންފުންޏަކަށް ވާ ހިސާބުން ރައްޔިތުންނަށް އެ ކުންފުނީގެ ހިއްސާ ވިއްކިދާނެ ކަމަށް ވެސް މިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ
"ރަނގަޅު ހަރުފަތަކަށް މި ކުންފުނި ގެންދެވޭ ހިސާބުން ދިވެހި ރައްޔިތުން އޭގައި ހިއްސާވާ ގޮތަށް ޕަބްލިކް ލިސްޓިންގއަކަށް ގޮސްދާނެކަމީ އަޅުގަނޑުމެން ހުވަފެނުން ފެންނަ ކަމެއް". ފައްޔާޒް ވިދާޅުވި އެވެ.
ނޫސްވެރިންގެ ސުވާލުތައް ވަރުގަދަކަމުން މިނިސްޓަރު ފައްޔާޒު ވަނީ އެއާޕޯޓްތައް ބޭރުގެ ފަރާތްތަކަށް ނުދޭނެ ކަމަށް މާތް ﷲ ގަންދީ ހުވާވެސް ކުރެއްވިއެވެ.
"ވަރަށް ސާފްކޮށް މި ދަންނަވަނީ ދިވެހި އެންމެހާ ރައްޔިތުންނަށް މި އަޅުގަނޑުމެން ދައްކާ ވާހަކަ އަނބުރައިގެން ގެންދަވާ ބޭފުޅުންނަށް އިތުރަށް އަޅުގަނޑު މިއަށްވުރެ ވަރުގަދަ ކޮށް ބުނަންޏާމުން ދެންނެވޭނީ މާތްﷲ ގަންދީ ހުވާކޮށްފައި މި ދަންނަވަނީއޭ އިންޑިއަކަށެއް ނޫނީ އެެހެން ބަޔަކަށް އަޅުގަނޑުމެންގެ އެއާޕޯޓެއްގެ އެންމެ ހިއްސާއެއްވެސް ވިއްކުމުގެ ވިސްނުމެއްވެސް ނިޔަތެއްވެސް އެއްވެސް އެއްޗެއް ނެތޭ" ފައްޔާޒު ވިދާޅުވި އެވެ.