މާލޭގެ ރައްޔިތުންނަށް ޚާއްސަކޮށްގެން އިތުރު 4،000 ފްލެޓް އަޅަން ފައިސާ ހަމަޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

"ގެދޮރުވެރިޔާ ލޯން" ސްކީމް ތައާރަފް ކުރުމަށް މިރޭ އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މިހާރު ސޮއިކޮށްފައިވާ 7،000 ފްލެޓްގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށެވެ. އަދި އޭގެއިތުރުން 4،000 ފްލެޓް އެޅުމަށް ފައިސާ ހަމަޖެހިފައިވާ ކަމަށާއި މިހާރު ކުރަމުންދަނީ ފްލެޓް އަޅާނެ ކުންފުނިތައް ހޯދުމުގެ މަސައްކަތް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ރައްޔިތުންނަށް ވީ ވައުދާ އެއްގޮތަށް، މި ދައުރު ނިމޭއިރުގައި ރާއްޖޭގެ ބޯހިޔާވަހިކަން ބޭނުންވެފައިވާ ގިނަ ފަރާތްތަކަށް އެކަން ހާސިލްވެގެން ދާނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ކުޑަ އިންޓްރެސްޓެއްގައި އަތޮޅުތަކުގެ ރައްޔިތުންނަށް ގެދޮރުއަޅަން ލޯނު ސްކީމެއް މިރޭ ސަރުކާރުން ވަނީ ތައާރަފްކޮށްފަ އެވެ.

ހަ ޕަސެންޓް އިންޓްރެސްޓް ރޭޓެއްގައި ދޫކުރާ އެ ލޯނުގެ ގްރޭސް ޕީރިއަޑްގެ ގޮތުގައި 12-15 މަހުގެ މުއްދަތެއް ލިބޭނެ އެވެ. އަދި ލޯނަށް ޑިޕޮސިޓް ދައްކަން ނުޖެހޭނެ އެވެ. އެ ސްކީމްގެ ދަށުން ލޯން ދޫކުރާނީ އަމިއްލަ ގޯތީގައި އަލަށް ގެއެއް އަޅަން ނުވަތަ ނުނިމި ހުރި މަސައްކަތްތައް ކުރުމަށް ނުވަތަ ގެ އިމާރާތް ކުރުމަށް ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.