ޓެރަރިޒަމާ ދެކޮޅަށް ފުލުހުން އައްޑޫގައި މިދިޔަ މަހު ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރި ފަސް މީހަކު ދޫކޮށްލަން ނިންމި ނިންމުން ހައިކޯޓުން އިއްޔެ ބާތިލުކޮށްފި އެވެ.
އައްޑޫގައި ފުލުހުން ކުރިއަށް ގެންދިޔަ އެ އޮޕަރޭޝަންގައި އަށް މީހަކު ހައްޔަރުކުރި އެވެ. އެ މީހުންގެ ބަންދަށް ފުރަތަމަ 15 ދުވަސް ދިން ނަމަވެސް، މެއި 30 ވަނަ ދުވަހު އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ގެންދިޔުމުން އެމީހުންގެ ތެރެއިން ފަސް މީހަކު ވަނީ ދޫކޮށްލައިފަ އެވެ.
މެޖިސްޓްރޭޓް ކޯޓުގެ އެ ނިންމުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. އެމީހުން ދޫކޮށްލަން އަމުރުކުރީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފަށް ކަމަށް ބުނެ އެވެ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އެމީހުން ދޫކޮށްލަން އަމުރު ކުރި އިރު، ފުލުހުން އެމީހުންގެ މައްޗަށް ކޮށްފައިވަނީ ނުރައްކާތެރި ތުހުމަތުތަކެކެވެ.
ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ދޫކޮށްލި މީހުން
- އިއުތިސާމް މުހައްމަދު ސައީދު، ގަމަރީ، ގދ. މަޑަވެލި
- މަފްތޫހް ސައީދު، ވިކްޓްރީ، ގއ. ކޮލަމާފުށި
- ހަސަން ޝިހާނު އިބްރާހީމް، ކާކީގެ، ސ. ހިތަދޫ
- އަބްދުﷲ ހައިޝަމް، ސައީދާމަންޒިލް، ސ. މީދޫ
- މުހައްމަދު ތަސްލީމް، އަލަނާސިގެ، ހއ. ހޯރަފުށި
ހައްޔަރުން ދޫކޮށްލި އަބްދުﷲ ހައިޝަމް އާއި މަފްތޫހް ސައީދު އާއި ހަސަން ޝިހާނު އިބްރާހީމް ހައްޔަރުކުރީ އައްޑޫގައި ވަކި ޖަމާއަތެއްގެ ގޮތުގައި ހަރުކަށި ފިކުރު ފެތުރުމަށްޓަކައި ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރުދީ އައިއީޑީ ހެދުމަށް ބޭނުންކުރާ ތަކެތި ރައްކާކޮށް ގެންގުޅެ، އެ ތަކެތި ބޭނުންކޮށްގެން ބަޔަކަށް ނުވަތަ ބައެއްގެ މުދަލަށް ގެއްލުން ދީފާނެ ކަމަށް ތުހުމަތު ކުރެވިގެން މެއި 15 ވަނަ ދުވަހު އެވެ.
މުހައްމަދު ތަސްލީމް ހައްޔަރުކުރީ ޓެރަރިޒަމްގެ އަމަލުތައް ހިންގުމަށް އަމަލީ ގޮތުން މަސައްކަތް ކޮށް ހަރުކަށި ފިކުރު ފެތުރުމަށާއި ޓެރަރިޒަމްގެ އަމަލުތައް ހިންގުމަށް ހިތްވަރުދީ އަދި ގޮވާތަކެތި ހެދުމުގެ މައުލޫމާތު އެހެން މީހުންނަށް ފޯރުކޮށްދީ، ހަރުކަށި ފިކުރުގެ ފަރާތްތަކާ ގާތް ގުޅުމެއް ބާއްވާ ކަމުގެ ތުހުމަތުގައި މެއި 17 ވަނަ ދުވަހު އެވެ.
ހަމަ އެ ދުވަހު އިއުތިސާމް މުހައްމަދު ސަޢީދު ހައްޔަރުކުރީ ތަސްލީމަށް ތުހުމަތުކުރެވޭ މައްސަލައިގައި އޭނާގެ ވެސް ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރެވިގެންނެވެ. އެ ފަސް މީހުން ވެސް ބަންދުކުރަން ދެ ފަހަރެއްގެ މަތިން ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އަމުރުކުރީ ފުލުހުން ހޯދާފައިވާ ހެއްކާއި ގަރީނާ އާއި އިންޓެލިޖެންސް ރިޕޯޓަށް ބެލުމަށްފަހު އެވެ.
ނަމަވެސް ބަންދުގެ އިތުރުކުރަން ތިން ވަނަ ފަހަރަށް ހުށަހެޅުމުން، އެއްވެސް ޝަރުތަކާ ނުލައި ދަށު ކޯޓުން ވަނީ އެމީހުން ދޫކޮށްލައިފަ އެވެ. އެމީހުން ދޫކޮށްލަން އަމުރުކުރި ސަބަބެއް ކަމުގައި ބުނެފައި ވަނީ އެކަށީގެންވާ ހެކި ގަރީނާ ހުށަހަޅާފައި ނުވާތީ އެމީހުން ބަންދުގައި ބައިތިއްބަންޖެހޭ ސަބަބެއް ނެތުމުން ކަމަށެވެ.
ދަށު ކޯޓުގެ އެ ނިންމުން ބާތިލްކަމަށް ކަނޑައަޅައި އިއްޔެ ހައި ކޯޓުން ކުރި ހުކުމުގައި ބުނީ، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ބުނާ ކުށެއް ކުރަން އުޅުމާއި، އެފަދަ ކުށެއް ކުރުމަށް އެހީތެރިވުމާއި، އަދި ކުށް ކުރުމުގައި އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ ވެސް މުޅިން ފުރިހަމަ ނުވާ ކުށްތައް ކަމަށެވެ. އެގޮތުން ކުށް ކުރުމަށް މަގުފަހިކުރުމާއި ކުށެއް ކުރުމަށް އެދުމާއި، ކުށް ކުރުމަށް ރޭވުމާއި، ކުށް ކުރުމަށް ހިތްވަރުދީ ހެއްލުމާއި ކުށެއް ކުރަން އުޅުން ފަދަ ކޮންމެ ކުށަކީ ވެސް އޭގެ ޒާތުގައި ގާނޫނުގައި ބަޔާންކުރާ މާއްދީ ނުވަތަ މައުޟޫއީ ކުށްތައް ކަމަށާއި އެ ބާވަތުގެ ކުށްތަކުގައި އަމާޒުކުރެވޭ ކުށްތައް ފުރިހަމަވާން ނުޖެހޭ ކަމަށެވެ
އެހެންކަމުން ތުހުމަތުކުރެވޭ މައްސަލައިގައި ބައިވެެރިވުމެއް އޮތްކަމަށް ނުބެެވޭ ކަމަށް ދަށު ކޯޓުން ނިންމާފައިވާ ނިންމުމަކީ ހުށަހެޅުންތަކަށް ބަލާއިރު، ރަނގަޅު ނިންމުމެއް ނޫން ކަމަށް ހައިކޯޓުން ހުކުމް ކުރި އެވެ.
މީގެ ކުރިން 2017 ވަަނަ އަހަރު އިއުތިސާމް މުހައްމަދާއި މުހައްމަދު ތަސްލީމްގެ މައްޗަށް ވަނީ އައިއީޑީއެއް ތައްޔާރުކުރަން ބޭނުންވާ ތަކެއްޗާއި ކެމިކަލް، ތަނެއްގެ ތެރޭގައި ރައްކާކޮށް އައިއީޑީއެއް ހަދާ ގޮއްވާލަން ރާވަމުންދާކަމުގެ ތުހުމަތުކޮށްފަ އެވެ. އެ މައްސަލައިގައި އެ ދެމިހުން ހައްޔަރުކުރި އެވެ. އިއުތިސާމް އާއި ތަސްލީމް އާ އަދިވެސް ގުޅުން އޮންނަކަން އެމީހުން ދީފައިވާ ބަޔާނުން ހާމަވެ އެވެ.އެ ދެމީހުންގެ މައްޗަށް މިފަހަރު ވެސް ތުހުމަތު ކުރެވެނީ، ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓު ބަޔާންކުރާ ތަނުގައި ކެމިކަލް ބޭނުންކޮށްގެން އައިއީޑީއެއް ހަދައި ގޮއްވާލަން އުޅޭ ކަމުގެ ތުހުމަތެވެ.
މަފްތޫހު ސައީދު އާ ގުޅިގެން ބަލައިފާސްކުރި އިރު، އަތުލިޔުމުން، އިނގެރޭސިބަހުން ލިޔެފައި އޮތް ޑޮކިއުމެންޓަށް ފުލުހުން ވަނީ ހެކީގެ ގޮތުގައި ހުށަހަޅާފަ އެވެ. އޭގައި "އެބައިމީހުންގެ ލޭއޮހޮރުވާލެވޭ ހިނދު، އެބައިމީހުންގެ ފާފަތައް ފޮހެވިގެންދެއެވެ." ފަދަ އިބާރާތްތަކެއް ހުއްޓެވެ.ހަސަން ޝިހާން އިބްރާހީމް އާ ގުޅުންހުރި ކަމަށް ބެލެވޭ ދިވެހި ލިޔުމެއް ފުލުހުން ހެކީގެ ގޮތުގައި ހުށަހެޅި އެވެ. ހައިކޯޓުން ބުނީ އެއީ އޭނާ އިލްމު އުނގެނެން ގެންގުޅޭ އެއްޗެއް ކަމަށް ކުރިން ބުނެފައިވާ ކަމަށެވެ. އެހެންކަމަށް ވާނަމަ އެއީ ނަފީކުރަންޖެހޭ ލިޔުމެއް ނޫން ކަމަށާއި އެހެން ނަމަވެސް އެއީ އޭނާޔާ ބެހޭ ލިޔުމެއް ނޫން ކަމަށް ބުނުމުން ސުވާލު އުފެދޭ ކަމަށެވެ.
މީގެ އިތުރުން އަބްދުﷲ ހައިޝަމް އަކީ ކުށުގެ ރެކޯޑު ގިނަ މީކެވެ. ދެހާސް ދިހަ ވަނަ އަހަރުން ފެށިގެން އެކި ކުށުގެ ތުހުމަތު ކުރެވިފައި ވާއިރު، ނުރައްކާތެރި އަމަލުތައް ހިންގާފައިވާ ކަމުގެ ތުހުމަތު އެކި ފަހަރުމަތިން ވަނީ ކޮށްފަ އެވެ. އޭގެ ތެރޭގައި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުން ފަދަ ކުށްތައް ހިމެނެ އެވެ.މިހާރު ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން އޭނާގެ ފޯނުން ހަރުކަށި އަމަލު ހިންގުމަށް ތާއީދުކުރާކަން ހާމަކޮށްދޭ ފޮޓޯ އާއި ވީޑިއޯ ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ޓެރަރިޒަމް އަކީ ޖިނާއީ ބޮޑު ކުށެއްކަން ފާހަގަކޮށް ހައިކޯޓުން ބުނެފައި ވަނީ އެ ހަތަރު މީހުންނާ ތުހުމަތުކުރެވޭ ކުށާ ގުޅުވާލެވޭ ކޮންމެސް މަރެއްގެ ހެކި ލިބިފައިވާ ކަމަށެވެ. އަދި މުހައްމަދު ތަސްލީމަށް ތުހުމަތު ކުރެވޭ ކުށް ކުރިކަމަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކިތައް ހުރިކަން ސާފުކޮށް އެނގޭ ކަމަށެވެ.