ބެންކޮކް (16 ޖޫން) - ކޮވިޑްގެ ސަބަބުން ހުއްޓިފައިވާ ތައިލެންޑްގެ ފަތުރުވެރިކަން އަލުން ހުޅުވައި، ގައުމުގެ އިގްތިސާދު ކުރިއަށްއޮތް ހަތަރު މަހުގެ ތެރޭގައި ހުޅުވާލާނެ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ޕްރަޔުތު ޗަން އޯ ޗަން ވިދާޅުވެއްޖެ އެވެ.

އެ ގައުމުގައި ކޮވިޑްގެ ކޭސްތައް އިތުރުވުމާއެކު އެޅި ހަރުކަށި ބޯޑަރު ކޮންޓްރޯލް އަދި ކަރަންޓީން ފިޔަވަޅުތަކުގެ ސަބަބުން އެ ގައުމުގެ ފަތުރުވެރިކަމަށް ވަނީ ވަރަށް ބޮޑު ހީނަރުކަމެއް އައިސްފަ އެވެ.

ރެސްޓޯރެންޓްތަކާއި ހޮޓަލްތަކުގެ އިތުރުން އެއާލައިންތަކަށް މިކަމުގެ ސަބަބުން ގެއްލުން ލިބިފައިވާއިރު ބައެއް ވިޔަފާރިތައް ވަނީ ބަނގުރޫޓު ވެސް ވެފަ އެވެ.

ގައުމާ މުހާތަބު ކުރައްވަމުން ޕްރަޔުތު ވިދާޅުވީ ކުރިއަށް އޮތް 120 ދުވަހުގެ ތެރޭގައި ގައުމު އަލުން ހުޅުވުމަށް ނިންމާފައިވާ ކަމަށެވެ.

ފަތުރުވެރިކަމަކީ ތައިލެންޑް އިގްތިސާދު 20 ޕަސެންޓް ހިއްސާ ކުރާ ސިނާއަތެކެވެ. އެ ގައުމަކީ ގުދުރަތީ ރީތިކަމާއި ބާޒާރުކުރުމަށް އޭޝިއާގެ ފަތުރުވެރިންގެ މެދުގައި މަގްބޫލު މަންޒިލެކެވެ.

ކޮވިޑް-19ގެ ކޭސްތައް އެ ގައުމުގައި މަދުވުމާއެކު އަދި ވެކްސިން ޕްރޮގްރާމްތައް އިތުރުވުމާއެކު އިގްތިސާދު ފަށައިގަތުމުގެ ސިޔާސަތުތައް ސަރުކާރުން ދަނީ އެކުލަވާލަމުންނެވެ.

ކޮވިޑް ބައްޔަށް ތައިލެންޑްއިން މިހާތަނަށް 200،000 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެފައި ވާއިރު، އެ ބަލީގައި 1،525 މީހުން ވަނީ މަރުވެފަ އެވެ. -– ދަ ސްޓްރެއިޓްސް ޓައިމްސް