ކޮވިޑް -19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ސަބަބުން ފިރިހެނުންގެ ދަރިފަނީގެ ސިއްހަތަށް އަސަރު ކުރޭތޯ ނުވަތަ ނޫންތޯ އެއީ ގިނަ ބައެއްގެ މެދުގައި އުފެދިފައި އޮތް ސުވާލެކެވެ.
އެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން އެމެރިކާގެ ޔުނިވާސިޓީއަކުން މިވަނީ ދާދި ފަހުން ދިރާސާއެއް ކޮށްފަ އެވެ. ކޮވިޑް -19 ވެކްސިންގެ ސަބަބުން ދަރިފަނީގެ ސިއްހަތަށް އަންނަ ބަދަލު މި ދިރާސާގައި ތަހުލީލު ކުރެވިފައިވެ އެވެ.
ވެކްސިންގެ ސަބަބުން ދަރިފަނީގެ ސިއްހަތު ބަލިކަށިވޭތަ؟
އުމުރުން 25 އަހަރާއި 30 އަހަރާ ދެމެދުގެ ފިރިހެނުންގެ މެދުގައި ކުރެވުނު މި ދިރާސާގައި ދައްކާ ގޮތުން ފައިޒާ ވެކްސިން ނުވަތަ މޮޑެނާ ވެކްސިންގެ ސަބަބުން ދަރިފަނީގެ ސިއްހަތަށް އެއްވެސް ބަދަލެއް އައިސްފަ އެއް ނުވެ އެވެ. ވެކްސިން ޖެހުމުގެ ކުރިންނާއި ފަހުން ނެގި ސާމްޕަލްތަކުގައި ދަރިފަނީގެ ކޮލިޓީއަށާއި ކައުންޓަށް ވެސް އެއްވެސް ބަދަލެއް އައިސްފައިވާކަން ފާހަގަ ނުކުރެވޭ ކަމަށް މި ދިރާސާގައިވެ އެވެ.
"އަހަރުމެން އުއްމީދު ކުރަން މިއީ މިކަމުގެ ސަބަބުން ވެކްސިން ޖަހަން ފަސްޖެހިފައި ތިބި ފިރިހެނުންނަށް ލިބުނު އިތުރު ޔަގީންކަމެއް ކަމަށް،" ދިރާސާ ކުރުމުގައި އުޅުނު އޮފިޝަލަކު ބުންޏެވެ.
ކޮވިޑް -19ގެ ސަބަބުން ދަރިފަންޏަށް އަސަރު ކޮށްފާނެ
ވެކްސިންގެ ސަބަބުން ދަރިފަނީގެ ސިއްހަތަށް މާބޮޑު އަސަރެއް ނުކުރި ނަމަވެސް ކޮވިޑްގެ ސަބަބުން ދަރިފަންޏަށް ނޭދެވޭ އަސަރުކުރާ ކަމަށް މީގެ ކުރިން ހެދިފައިވާ ދިރާސާތަކުން ދައްކަ އެވެ.
ކޮވިޑް ޖެހިފައި ނުވާ ފިރިހެނުންނާ އަޅާކިޔާއިރު ކޮވިޑް ޖެހި ރަނގަޅުވެފައިވާ ފިރިހެނުންގެ ދަރިފަނީގައި ގިނަ މައްސަލަތަކެއް ފާހަގަ ކުރެވިފައިވެ އެވެ. އޭގެ ތެރޭގައި ކައުންޓް މަދުވުމާއި ދަތުރުކުރާ ބާރުމިން ލަސްވުން ފަދަ ކަންކަން ހިމެނެ އެވެ.
ނަމަވެސް ކޮވިޑްގެ ސަބަބުން ދަރިފަންޏަށް އަންނަ ބަދަލުތަކަކީ ވަގުތީ ބަދަލުތަކެއް ކަމަށާއި މި ބަދަލުތައް ދާއިމަށް ދެމިގެން ދިއުމުގެ ފުރުސަތު ކުޑަ ކަމަށް ޑޮކްޓަރުންނާއި މާހިރުން ބުނެ އެވެ.