އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި 1.3 ބިލިއަން ރުފިޔާގެ ހިޔާނާތާ ގުޅިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާ އަށް އިއުތިރާފްވެ ވަޑައިގަތުމުން އަދަބެއްގެ ގޮތުގައި 20 އަހަރަށް ޖަލަށް ލުމާއި ދެ މިލިއަން ރުފިޔާ އިން ޖޫރިމަނާކުރަން އަދީބާ އެކު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް އުފުލި ދައުވާތަކުގެ ތެރޭގައި ހިމެނެނީ ހިޔާނާތެއްގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި، މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ނާޖާއިޒު ފައިދާ ހޯދައި ދިނުމުގެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރެއްވުމުގެ ދައުވާއަކީ، މަނީ ލޯންޑްރިންގެ ދެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދުމުގެ ދައުވާއެކެވެ.
މިދިޔަ ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި އޮތް ޝަރީއަތުގެ މަޖިލިހުގައި އަދީބު ވަނީ ދައުވާތަކަށް އިއުތިރާފްވެވަޑައިގެންފަ އެވެ. އަދި ހިޔާނާތުގެ މަންފާ ލިބުނު މީހުންގެ ތެރޭގައި ކުރީގެ މަޖިލިސް މެމްބަރުންނާއި ކުރީގެ ރައީސުންނާއި ހުރިހާ ސިޔާސީ ޕާޓީތަކެއް ހިމެނޭ ކަމަށް އަދީބު ވަނީ ވިދާޅުވެފަ އެވެ.
އަދީބާ އެކު އެއްބަސްވި އަދަބާ ބެހޭ ތަފްސީލް ދައުލަތުން ހުށަހެޅުމާ ގުޅިގެން މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވަނީ ހުކުމް ކުރުމުގެ ޝަރީއަތް މި މަހުގެ 12 ވަނަ ދުވަހު ބާއްވާނެ ކަމަށް ވިދާޅުވެފައެވެ. އެކަމަކު، ދައުލަތުން ވަނީ މިއީ އަވަސް ނިޔާގެ މައްސަލައެއް ކަން ފާހަގަ ކުރައްވައި އިއުތިރާފުވި ޝަރީއަތުގެ މަޖިލީހަށް ފަހު ދެން ބާއްވާ އަޑުއެހުމެއްގައި ހުކުމް ކުރަން ޖެހޭނެ ކަން ފާހަގަ ކުރައްވައިފަ އެވެ.
ނަމަވެސް ގާޒީ ވިދާޅުވީ ހަތް ދައުވާގެ ހުކުމް ވަކިން ލިޔަން ޖެހޭތީ މިއަދު ހުކުމް ކުރައްވަން ދަތިވާނެ ކަމަށެވެ.
އެކަމަކު، ދައުލަތުން އެކަން ތަކުރާރުކޮށް ފާހަގަ ކުރަން ފެށުމުން ހުކުމް ކުރުމުގެ ޝަރީއަތުގެ މިއަދު ހަވީރު ބޭއްވުމަށެވެ. އަދި ކްރިމިނަލް ކޯޓުގައި މިހާރު ތާވަލްކޮށްފައިވާ ގޮތުން މި ޝަރީއަތް އޮންނާނީ މިއަދު އިރުއޮއްސި ހައެއް ޖަހާއިރު އެވެ.
މި ބޮޑު ހިޔާނާތުގެ ތަހުގީގު 2015 ގައި ފެށި ނަމަވެސް ކުރީގެ ސަރުކާރުގައި އެކަށީގެންވާ ގޮތެއްގައި ތަހުގީގު ކުރެވިފައެއް ނުވެއެވެ. މި ސަރުކާރު އައި ފަހުން، ތަހުގީގު ވަނީ ދިގުލައިފައެވެ. މިހާތަނަށް ދައުވާ އުފުލީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށާއި އަދީބުގެ އިތުރުން އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށެވެ.