ހިޔާ ފްލެޓް ލިބުނު ފަރާތްތަކަށް ފްލެޓް ބަލާލުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ދިނުމަށް ހަމަޖެހިފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވެއްޖެ އެވެ.
"ސަންގު ޓީވީ"ގެ ޕްރޮގުރާމެއްގައި ހިޔާ ފްލެޓްތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ސުހައިލް ވިދާޅުވީ ބުރާސްފަތި ދުވަހުން ފެށިގެން ހިޔާ ފްލެޓް ލިބުނު ފަރާތްތަކަށް ފްލެޓް ބަލައިލުމުގެ ފުރުސަތު ފަހި ކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ. މިގޮތަށް ނިންމީ މާލޭގެ މޭޔަރު ޑރ.މުއިއްޒު އާއި ހައުސިން މިނިސްޓަރު އަސްލަމާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމަށް ފަހު ކަމަށް ސުހައިލް ފާހަގަ ކުރެއްވި އެވެ.
މިހާރުގެ ހާލަތަށް ބަލައި ވަކި އިންތިޒާމެއްގެ ދަށުން ފްލެޓް ލިބުނު ހުރިހާ ފަރާތްތަކަށް އެތަންތަން ބެލުމުގެ ފުރުސަތު ލިބިގެންދާނެ ކަަމަށްވެސް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ސުހައިލް ވިދާޅުވީ މިހާރު ގުރުއަތުނުލައި ހުރި ފްލެޓްތަކުގެ ގުރުއަތުލުން ވެސް ވަރަށް އަވަހަށް ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަަމަށެވެ. އަދި ހިޔާ ފްލެޓްތަަކަން މީހުން ވަންނަންވާ އިރަށް، އެ ސަރަހައްދުގައި އަސާސީ ހިދުމަތް ދިނުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސުހައިލް ވިދާޅުވި ގޮތުގައި ޖުލައި 14 ގައި އެގްރިމަންޓްގައި ސޮއިކުރަން ފަށައި، ޖުލައި މަސް ނިމުމުގެ ކުރިން ފްލެޓް ލިބުނު ފަރާތަކާއެކު އެގްރިމެންޓްގައި ސޮއިކުރުން ނިންމާލެވޭނެ ކަމަށެވެ.
ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ކުރަމުން އަންނަ އިތުރު މަސައްކަތްތަކާ ބެހޭ ގޮތުން އޭނާ ވިދާޅުވީ ދެ ވަަނަ ފިޔަވަހީގެ މަގުތައް ހެދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ. އަދި ދެ ވަނަ ފިޔަވަހީގައި ސްކޫލު އިމާރާތް ކުރުމަށް ވެސް ބަޔަކާ މިހާރު ހަވާލުކުރެވިފައިވާ ކަމަށާއި ވަގުތީ މިސްކިތެއް އެޅުމަށްޓަކައި އިސްލާމިކް މިނިސްޓްރީއާއެކު މަސްވަރާތައް ކުރަމުން އަންނަ ކަމަށް ސުހައިލް ވިދާޅުވި އެވެ.