މާލޭ ސިޓީ ކައުންސިލްގެ ޑެޕިޔުޓީ މޭޔަރުކަމަށް މާފަންނު މެދު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ނަރީޝް ހޮވިއްޖެ އެވެ.

މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ހޮވުމަށް މިއަދު ވަނީ ރަސްމީ ޖަލްސާއެއް ބާއްވާފަ އެވެ.

ޑެޕިއުޓީ މޭޔަރު ކަމަށް ނަރީޝްގެ އިތުރުން އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނީ މައްޗަންގޯޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ޒަމީރު އެވެ.

ޕީޕީއެމްގެ ކައުންސިލަރު ނަރީޝް އެ މަގާމަށް އިންތިޚާބުވީ 12 ކައުންސިލަރުންގެ ވޯޓުންނެވެ. އެމްޑީޕީގެ ކައުންސިލަރު އަހުމަދު ޒަމީރަށް ލިބިވަޑައިގަތީ ހަތް ކައުންސިލަރުންގެ ވޯޓެވެ.

މާލޭ ސިޓީ ކައުންސިލްގެ ޖުމްލަ ގޮނޑީގެ އަދަދަކީ 19 އެވެ. އޭގެ ތެރެއިން 13 މެމްބަރުންނަކީ ޕީޕީއެމްގެ މެމްބަރުންނެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން މޭޔަރުން އިންތިޚާބު ކުރީ އެ ސިޓީއެއްގެ ސީދާ ރައްޔިތުންގެ ވޯޓުންނެވެ. އެކަމަކު ޑެޕިއުޓީ މޭޔަރުން އިންތިޚާބު ކުރަން އޮތީ ކުރިން ވެސް އޮތް ގޮތަށް ސިޓީގެ ކައުންސިލަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.