ކޮރަޕްޝަންގެ އަމަލުތަށް ބަލަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފެއްދެވި އެސެޓް ރިކަވަރީ ކޮމިޝަންގެ މަސައްކަތް ކޮވިޑުގެ ސަބަބުން ހުއްޓިފައިވާކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

އެ ކޮމިޝަންގެ ރައީސް އަހުމަދުު އަސްއަދު އޮންލައިން ނޫހަކަަށް މައުލޫމާތު ދެމުން ވިދާޅުވީ، ކޮމިޝަނަށް ހާޒިރު ކުރަން ޖެހޭ އެތައް ބަޔަކު ކޮވިޑް-19 އާއި ގުޅިގެން ހާޒިރު ނުކުރެވިގެން ކޮމިޝަނުން ބަލަމުންދާ މައްސަލަތައް ކުރިއަށް ގެންދަން ދަތިވެފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، ކޮމިޝަންގެ ތަހުގީގަށް ހާޒިރުވާން އެތައް ބަޔަކަށް އަންގާފައިވާނެ ކަމަށެވެ. ނަމަވެސް ހާޒިރުވާން އަންގާ ބައެއް ފަރާތަކުން ކޮވިޑްގެ އުޒުރުތައް ދައްކާ ކަމަށެވެ.

އޭނާ ވިދާޅުވީ، ކޮމިޝަންގެ މަސައްކަތްތަކަށް ދަތިތަކެއް ކުރިމަތިވާން ފެށީ މާޗު މަހުން ފެށިގެން ކަމަށާއި، އެ ދަތިތަކާ އެކު ވެސް ކޮމިޝަނުން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރިއަށް ދާ ކަމަށެވެ. އެ ކޮމިޝަނުން ބަލާ މުހިއްމު ތިން މައްސަލަ އެއް މިހާރު އޮތީ ނިންމާލުމުގެ މަރުހަލާގަ އެވެ. އެ މައްސަލަތަކުގެ ތަފްސީލެއް ދޭން އަސްއަދު ވަނީ ދެކޮޅު ހަދައިިފަ އެވެ.

އަސްއަދު ވިދާޅުވީ، ކޮވިޑްގެ ހާލަތާ ގުޅުވުމަށްފަހު ބައެއް ފަރާތްތައް ހާޒިރުވުމަށް އުޒުރުވެރިވި ނަމަވެސް ކޮމިޝަނަށް ހާޒިރުވެ މައުލޫމާތު ދޭން ބައެއް ފަރާތްތައް އަމިއްލައަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ފަރާތްތަކާ ސުވާލު ކުރުމަށް އިންތިޒާމުތަކެއް ހަމަޖައްސަމުން ގެންދާ ކަމަށެވެ.

އެމްއެމްޕީއާރްސީގެ ފައިސާ ލިބުނު މީހުނާއި ކުންފުނިތައް ހިމަނާ، މަޖިލީހަށް ފޮނުވި ލިސްޓަށް މިހާރު ބައެއް ބަދަލުތައް އައިސްފައި ވެއެވެ. އެގޮތުން 12 ކުންފުންޏެއް މިހާރު ވާނީ ލިސްޓުން އުނިކޮށްފަ އެވެ. އެކަމަކު ލިސްޓްގައި ހިމެނޭ ވަކިވަކި ފަރުދުންގެ އަދަދު ލިސްޓުން މަދު ނުވާނެ ކަމަށް އަސްއަދު ވިދާޅުވި އެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން މަޖިލީހަށް އެންމެ ފަހުން ފޮނުވި ލިސްޓު މަޖިލީހުން އާންމުކޮށްފައިވާއިރު 281 ފަރާތެއް ލިސްޓުގައި ހިމެނެ އެވެ. އޭގެތެރެއިން 119 މީހުންނަކީ އެކި ދުވަސްވަރު ދައުލަތުގެ މުވައްޒަފުންގެ ގޮތުގައި ތިބި މީހުނެވެ.