ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)ގެ މެމްބަރުކަމުގައި ހުންނަވަނިކޮށް، މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ބެހޭ ކޮމިޓީން ނިންމުމުން އިސްތިއުފާ ދެއްވި އަހުމަދު އަމީން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ހެޑަކަށް ހަމަޖައްސައިފި އެވެ.

އަމީންގެ އިތުރުން އެންއައިސީގެ އެހެން ބައެއް އިސް ބޭފުޅުން މަގާމުން އަމިއްލައަށް އިސްތިއުފާ ދެއްވީ، އެ ބޭފުޅުން ވަކިކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާ އަރުވަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމުމުންނެވެ.

"ހުރިހާ"އަށް އެނގިފައިވާ ގޮތުގައި، އޭސީސީގެ އިންވެސްޓިގޭޝަން ހެޑަކަށް އަމީން ހަމަޖެއްސުމުގެ ކުރިން، އެ ކޮމިޝަންގެ ސީނިއާ އިންވެސްޓިގޭޓިވް އޮފިސަރުން ހޯދަން ކުރި އިއުލާނަކާ ގުޅިގެން ކުރިމަތިލުމުން އޭނާ އަށް ވަނީ އެ މަގާމު ދީފަ އެވެ. އަމީން އޭސީސީގެ އިންވެސްޓިގޭޝަން ހެޑަކަށް ބަދަލުކުރީ ކުރިން އެ މަގާމުގައި ހުންނެވި ބޭފުޅާ އެހެން ޑިޕާޓްމެންޓަކަށް ބަދަލުކުރުމާ ގުޅިގެންނެވެ.

މަސައްކަތުގެ ގޮތުންއަމީނަށް ވުރެ ތަޖުރިބާކާރު އެތައް ބޭފުޅުންނެއް އޭސީސީގައި ތިއްބަވަނިކޮށް އިންވެސްޓިގޭޝަން ހެޑަކަށް އޭނާ ހަމަޖެއްސީ ކީއްވެ ކަމެއް ނޭނގެ އެވެ. އޭސީސީން ވަނީ އެކަމާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ދެކޮޅު ހަދައިފަ އެވެ.

އަމީނާއި އެންއައިސީގެ އެހެން މެމްބަރުން ވަކިކުރަން ލަފާދޭން ކޮމިޓީން ނިންމީ މިނިިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލުވާން ގެއްލުވައިލި މައްސަލަ ބެލުމުގައި ފުލުހުން އިހުމާލުވެފައި ނުވާ ކަމަށް ކަނޑައެޅީ ބަލަން ވާ ވަރަށް ނުބަލައި ކަމަށް އަމީނާއި އެހެން މެމްބަރުން އިއުތިރާފްވުމުންނެވެ.

އެންއައިސީއާ ބެހޭ ގޮތުުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އޭރު އެކުލަވައިލި ރިޕޯޓުގައިވާ ގޮތުން، ރިލްވާން ގެއްލުވައިލި މައްސަލަ ތަހުގީގުކުރުމުގައި ފުލުހުންގެ އިހުމާލު އޮތުން އެކަށީގެންވާ ކަަމަށް ގަބޫލުކުރުމާ އެކުގައި ވެސް އެ މައްސަލަ ނުބަލާ އޮތް އޮތުމަކީ އެންއައިސީން މެމްބަރުން ވަކިކުރަން ޖެހޭ އެއް ސަބަބެވެ. މިދިޔަ އަހަރުގެ ޖުލައިމަހު މަޖިލީހުގެ ތަޅުމަށް އެ ރިޕޯޓް ހުށަހެޅުމުން މަޖިލީހުން ނިންމީ އެންއައިސީގެ ރައީސަކަށް އޭރު ހުންނެވި އަހުމަދު ސުލައިމާއި އެހެން މެމްބަރުން ވެސް ވަކިކުރުމަށެވެ. އެކަމަކު އަމީނު އޭރު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

ދެވަނަ ސަބަބެއް ކަމަށް ރިޕޯޓުގައި އޮތީ، މާލޭގެ ގެއެއްގެ ތެރޭގައި ފުލުހުން އާއްމުންގެ މީހަކަށް އަނިޔާކުރި ކަމަށް ތުހުމަތު ކުރެވުނު މައްސަލައެއް ނުބެލި ދިގުލައިގެން ދިއުމެވެ. ކޮވިޑް-19 އާ ގުޅިގެން އިއުލާނުކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި، އެންއައިސީގެ ހިދުމަތް މެދު ނުކެނޑި ދެވޭނެ ގޮތުގެ ތަފްސީލު ހޯދަން ކޮމިޓީން އެދުނު ކަމަށާއި އެ މައުލޫމާތު ވެސް ނުދޭ ކަމަށް ރިޕޯޓުގައި ވެ އެވެ.