ރައްޔިތުން މަޖިލީހުގެ މުހައްމަދު ނަޝީދަށް އަމާޒުކުރި ބޮމުގެ ހަމަލާ އާއި ގުޅިގެން ސަލާމަތީ ހިދުމަތް ދޭ މުއައްސަސާތަކުގެ އިންޓެލިޖެންސް އޮޑިޓެއް ހެދުމަށް ފަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ހުށަހަޅައިފި ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

އެ އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓެޖިސްޓް އިބްރާހީމް ހޫދު "އަވަސް" އަށް ވިދާޅުވީ އިންޓެލިޖެންސް އޮޑިޓްގެ ޕްރިލިމިނަރީ ރިޕޯޓެއް މީގެ ދެ ދުވަސް ކުރިން ރައީސް އަށް ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި އެ ރިޕޯޓުގައި ބޮޑަށް ހުންނަނީ އިންޓެލިޖެންސް އިތުރަށް ވަރުގަދަކުރަން އަޅަން ޖެހޭ ފިޔަވަޅުތަށް ކަމަށެވެ.

"މި ވަގުތަށް ޔަގީން ކޮށްދެވެން އޮތީ ޕްރިލިމިނަރީ ރިޕޯޓެއް ލިބިފައި އޮތް ކަން. އަދި އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާނެ ކަން،" ހޫދު ވިދާޅުވި އެވެ.

އިންޓެލިޖެންސްގެ އޮޑިޓެއް ހަދަން ހަތަރު ބޭފުޅުންގެ ކޮމިޓީއެއް އެކުލަވާލައި އެކަން ކުރަން ރައީސް އެންގެވީ މި މަހުގެ ނުވަވަނަ ދުވަހު އެވެ. އެ ކޮމިޓީން އެމްއެންޑީއެފް އާއި ފުލުހުންގެ އިންޓެލިޖެންސް އޮޑިޓެއް ހަދައިފަ އެވެ. މީގެ ކުރިން ރައީސް ސޯލިހު ވެސް ވިދާޅުވެފައި ވަނީ، ނަޝީދަށް ހަމަލާދޭން ރޭވިކަން އިންޓެލިޖެންސަށް ނޭގި އޮތް ސަބަބު އޮޅުން ފިލުވަން ބޭނުންވާ ކަމަށެވެ،

އިންޓެލިޖެންސް ވަރުގަދަކުރަން ޖެހިފައިވާ ކަމަށް ރައީސް ސޯލިހް ގަބޫލުފުޅު ވެސް ކުރައްވަ އެވެ. އިންޓެލިޖެންސް އޮޑިޓް ރިޕޯޓް ލިބުމުން އިންޓެލިޖެންސާއި ރައީސް ނަޝީދުގެ ސެކިއުރިޓީ މިހާރަށް ވުރެ ވަރުގަދަ ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ސޯލިހް މީގެ ކުރިން ވަނީ ދެއްވާފަ އެވެ.