ދެހާސް ބާރަ ވަނަ އަހަރު މާލޭގައި މުނީރުލް އިސްލާމް ކިޔާ ބަންގަލަދޭޝްގެ މީހަކު ނިދާފައި އޮއްވައި އޭނާގެ ކަރަށް ވަޅި ހަރައި މަރާލި މައްސަލައިގައި ދައުވާކުރި އެ ގައުމުގެ ކަމަރުލް އިސްލާމްގެ މައްޗަށް ކުށް ސާބިތު ނުވާ ކަަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން މިއަދު ބާތިލުކޮށްފި އެވެ.

މުނީރުލް އޭނާ ގޭގައި ނިދާފައި އޮއްވައި އެތަނަށް ކަމަރުލް އިސްލާމް ގޮސް ވަނީ ވަޅިއަކުން މުނީރުލް އިސްލާމްގެ ކަރަށް އެއް ފަހަރަށް ވުރެ ގިނަ ފަހަރު ހަރައި އޭނާ މަރާލައިފަ އެވެ.

އެ ވަޅި އަކީ މުނީރުލް އިސްލާމް މޭވާ ކާން އެނދުގެ ހެޑް ބޯޑު މަތީގައި ބާއްވާފައި އޮތް ވަޅި އެކެވެ. ފުލުހުން މީގެ ކުރިން ބުނީ، މުނީރުލް މަރާކީއޭނާއާ އާއިލީ ގޮތުން ގުޅުންހުރި މީހަކު ގިނަ އަދަދެއްގެ ފައިސާ އާއި ރަނގަޅު ވަޒީފާއެއް ދޭނެ ކަމަށް ބުނެގެން ކަމަށެވެ.

މުނީރުލް މަރާލިކަމަށް ތަހުގީގު މަރުހަލާގައި ކަމަރުލް ވަނީ އިއުތިރާފުވެފަ އެވެ.މުނީރުލް މަރާލަން ބޭނުންކުރި ވަޅި އާއި ލައިގެން ހުރި ޓީޝާޓު ފުލުހުން ޓީޖެޓީ ސަރަހައްދުގެ މޫދުން ހޯދީ ވެސް ކަމަރުލް ގޮވައިގެން ގޮސް އޭނާ އެތަން ދެއްކުމުންނެވެ. ނަމަވެސް އޭނާ ދަށު ކޯޓުގައި ބުނެފައި ވަނީ އިއުތިރާފުވީ، އަނިޔާކޮށްގެން ކަމަށެވެ.

ކަމަރުލްގެ މައްޗަށް ކުރި ގަސްތުގައި މީހަކު މެރުމުގެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން 2018 ވަނަ އަހަރު ހުކުމް ކުރުމުން އެ މައްސަލަ ދައުލަތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.

އިސްތިއުނާފު މައްސަލަ ނިމެންދެން ކަމަރުލް ބަންދުކުރަން ހައި ކޯޓުން ހުކުމްކޮށްފައި ވުމުން އޭނާ އަދިވެސް ހުރީ ބަންދުގަ އެވެ.މިއަދު ހައި ކޯޓުގައި އެ މައްސަލައިގައި އިއްވި ހުކުމުގައި ވަނީ ރައުޔު ތަފާތުވެފަ އެވެ.

މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު ހުސެއިން މަޒީދާއި މުހައްމަދު ނިޔާޒުގެ ރައުޔަކަށްވީ އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ. އެއާ ހިލާފުވީ ފަނޑިޔާރު މުހައްމަދު ސަމީރުގެ ރައުޔެވެ. އިއުތިރާފު ބަޔާން ބަލައިގަނެވޭނެމި މައްސަލައިގައި ފަނޑިޔާރުން ހިޔާލު ތަފާތުވި މައިގަނޑު ކަމަކީ ކަމަރުލް ތަހުގީގަށް ދިން ބަޔާނުގެ ސައްހަކަމާ މެދު އެވެ. ދަށު ކޯޓުން އެ ބަޔާން ބަލައިގެންފައި ނުވެ އެވެ.

ފަނޑިޔާރު މަޒީދު އިއްވައި، ފަނޑިޔާރު ނިޔާޒު ތާއީދު ކުރެއްވި ރައުޔުގައި ވަނީ، ދަށު ކޯޓުން އެ މައްސަލައިގައިި ހެކި ގަރީނާތަކަށް ބަލާފައި ވަނީ ވަކިވަކިން ކަމަށެވެ. ނަމަވެސް، އިއުތިރާފު ބަޔާނާއި، އެހެން ހެކިތަކާ ގުޅުވާލުމުން ބަޔާނަށް ބާރު ލިބޭ ކަމަށެވެ. އަދި އެގޮތަށް ބަލާއިރު ކަމަރުލް ތަހުގީގަށް ދިން ބަޔާނުގައިވާ ވާހަކަތަކީ ތެދު ކަމަށް ތަހުގީގަށް ހޯދިފައިވާ ހެކިތަކާއި ގަރީނާތަކުން ބާރު ދޭތީ ކަމަރުލް ތަހުގީގަށް ދިން ބަޔާނަކީ ގަރީނާއެއްގެ ގޮތުގައި ބަލައިގަނެވޭ ކަމަށެވެ.

ކަމަރުލް ކިޔައިދިން ގޮތަށް، އޭނާ ބުނި ތަނުން މަރާލަން ބޭނުންކުރި ވަޅި އާއި ލައިގެން ހުރި ގަމީސް ފެނުނުކަން ރައުޔުގައި ވަނީ ފާހަގަކޮށްފަ އެވެ. އޭގެ އިތުރުން މުނީރުލް މަރުވެފައި އޮއްވައި ފެނުނު ކޮޓަރިން ކަމަރުލް އިސްލާމްގެ ފައިގެ ޕްރިންޓު ވަނީ ފެނިފަ އެވެ. ކަމަރުލް ގެއިން ބުރިކޮށްފައިވާ ޖިންސެއް ފެނިފައިވެ އެވެ. އެ ޖިންސުން މުނީރުލްގެ ޑީއެންއޭ ވެސް ހުއްޓެވެ. އެ ޖިންސަކީ މުނީރުލްގެ ލޭ ހުރުމުން ކަމަރުލް ބުރިކޮށްލި ޖިންސުގެ ބައެވެ.

އެ މައްސަލަ އަކީ ގަސްތު މަރުގެ މައްސަލައަކަށްވާއިރު، ގަސްތު މަރު ސާބިތުކުރަން ފުރިހަމަ ވާން ޖެހޭ ކަންކަން ފުރިހަމަވާ ކަމަށް ވެސް އެ ރައުޔުގައިވެ އެވެ..

އެގޮތުން، ކަމަރުލް ކުރި އަމަލެއްގެ ނަތީޖާއެއްގެ ގޮތުން މުނީރުލް މަރުވެފައިވާކަން ހެކިތަކުން އެނގޭ ކަމަށްވެ އެވެ. އަދި ކަރަށް ވަޅިން ހަމަލާ ދިން އިރު މަރަށް ތެޅެންދެން ހިފަހައްޓައިގެން ހުރި ކަމަށް އޭނާ ބުނެފައި ވުމުންނާއި މަރާލަން ވިސްނުން އައި ގޮތް ކިޔައިދީފައި އޮތުމުން އޭނާ އެކަން ކުރީ ގަސްތުގައިކަން އެނގޭ ކަމަށް ރައުޔުގައި ވެ އެވެ.

އެހެނިހެން ހެކި ގަރީނާ އެ އިއުތިރާފު ބަޔާނާ ގުޅުވާލެވެން އޮތް އިރު އެފަދައިން ގުޅުވާނުލައި އެ ހެކިތަކަށް ވަކިވަކިން ރިއާއަތްކޮށް މައްސަލަ ކްރިމިނަލް ކޯޓުން ބަލާފައި ވަނީ ރަނގަޅަށް ކަމަށް ބެލެވެން ނެތް އެ ރައުޔުގައި ވަނީ އެއްވެސް ޝައްކެއް ޝުބުހައެއް ނެތް މިންވަރަށް ދައުލަތަށް ގަސްތު މަރުގެ ކުށް ސާބިތުކޮށްދެވިފައިވާ ކަމަށެވެ.

މަރާލެވިފައިވާ މުނީރުލްގެ ވާރިސުންގެ ގޮތުގައި ތިބި އޭނާގެ މަންމަ އާއި ބައްޕަ އަދި ހުވަފަތްވެފައިވާ އަނބިމީހާ އެދިފައި ވަނީ މަރުގެ އަަދަބުގެ އިތުރުން މަރުގެ ގެއްލުމުގެ ބަދަލު ލިބިގަތުމަށެވެ. ނަމަވެސް، އެ ދެ ކަންތައް އެއްފަހަރާ ކުރެވޭނެ ޝަރުއީ ހަމައެއް ނެތް ކަމަށް ރައުޔުގައި ވަނީ ފާހަގަކޮށްފަ އެވެ.

ދެ ގޮތުން ކުރެ އެއް ގޮތެއް ވާރިސުން ހިޔާރު ނުކޮށް ފަނޑިޔާރުން ގޮތެއް ނިންމަން ޖެހޭ ގޮތަށް އޮތުމުން އެ ހާލަތުގައި އުފެދޭ ސުވާލުގެ މަންފާ ލިބިދޭން ޖެހޭނީ ގާތިލަށް ކަމަށް ބުރަވެވޭ ކަމަށް ހުކުމުގައިވެ އެވެ. އެހެންވެ، މަރުގެ ހުކުމް އިއްވުމުގެ ބަދަލުގައި މަރުގެ ދިޔަ ނެގުމަށް ހުކުމް ކުރެއްވި އެވެ. އަދި މަރުގެ ދިޔައިގެ ގޮތުގައި ނަގައިދީފައި ވަނީ 133،333.33ރ. އެވެ. އެ ފައިސާ އެއް އަހަރު ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދެއްކުމަށް އަންގާފައިވެ އެވެ.

އަދި ތައުޒީރީ އަދަބެއްގެ ގޮތުގައި، 25 އަހަރަށް އޭނާ ޖަލަށް ލާން ހުކުމް ކުރި އެވެ. އަދި ކުށުގެ ފާފައިގެ ކައްފާރާއެއްގެ ގޮތުުން ޖެހިޖެހިގެން ދެ މަހު ރޯދަ ހިފަން ނަސޭހަތް ދިނެވެ.

ތަފާތުވި ރައުޔު

ހައި ކޯޓުގެ ފަނޑިޔާރު ސަމީރުގެ ރައުޔުގައި ވަނީ ފުލުހުން ކަމަރުލްގެ ތަހުގީގު ބަޔާން ނެގީ ގާނޫނާ ހިލާފަށް ކަމަށެވެ. ކަމަރުލްގެ ބަޔާން ނެގިއިރުތަހުގީގު މަރުހަލާގައި ވަކީލެއްގެ ހައްގު ނޯންނާނެ ކަމަށާއި އެ ފުރުސަތު އޮންނާނީ ޝަރީއަތުގެ މަރުހަލާގައި ކަމަށް ފުލުހަކު ކަމަރުލް ގާތުގައި ބުނިކަން ފަނޑިޔާރު ސަމީރުގެ ރައުޔުގައި ފާހަގަ ކުރެއްވި އެވެ. އެއީ ނުބައި މައުލޫމާތެއް ކަމުން ކަމަރުލް އަށް ލިބިގެންވާ ވަކީލަކު ލިބިގަތުމުގެ ހައްގުން އޭނާ މަހުރޫމުވެފައިވާ ފަނޑިޔާރު ސަމީރުގެ ރައުޔުގައި ވެ އެވެ.

އެހެންކަމުން ކަމަރުލްއަށް ވަކީލަކު ހަމަޖެއްސުމުގެ ހައްގު ލިއްބައިނުދީ ނެގި ބަޔާނަކީ ގާނޫނާ ހިލާފަށް ނެގި ބަޔާނެއް ކަމަށް އެ ރައުޔުގައިވެ އެވެ. އަދި މައްސަލައިގައި ހެމެނޭ ގިނަ ހެކިތައް ހޯދާފައި ވަނީ އެ ބަޔާނުގެ މައްޗަށްކަން ފާހަގަކޮށް އެ ހެކިތައް ވެސް ބަލައިނުގަނެވޭނެ ކަމަށެވެ.

އެ ހުރިހާ ކަމެއް ފާހަގަކުރައްވައި ފަނޑިޔާރު ސަމީރު ވަނީ ކްރިމިނަލް ކޯޓުގެ ހުކުމަށް ތާއިދުކޮށްފަ އެވެ. ވަކީލެއް ހަމަޖައްސަން ފުރުސަތު ނުދީ، ނެގި ބަޔާނަކީ ސައްހަ ބަޔާނެއް ކަމަށް ބަލައިފި ނަމަ، އެ ހައްގު ނުދިނުމަކީ ހަމަ އެންމެ ރަނގަޅު ކަމަށް ކަމާ ބެހޭ ފަރާތްތަކުން ނަގައި އެކަމުގެ ނާޖާއިޒު ފައިދާ ވެސް ނަގާފާނެ ފަނޑިޔާރު ސަމީރުގެ ރައުޔުގައި ވެ އެވެ.