ލޮސް އެންޖަލަސް (1 ޖުލައި) - އެމެރިކާގެ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބްރިޓްނީ ސްޕިއާސްގެ ބެލެނިވެރިކަން އޭނާގެ ބައްޕަ ޖޭމްސް ސްޕިއާސްގެ އަތުން ނެގުމަށް ބްރިޓްނީ ކޯޓަށް ހުށައެޅި މައްސަލަ ނާކާމިޔާބުވެ، އޭނާގެ ބައްޕަގެ ބެލެނިވެރިކަން ދެމެހެއްޓުމަށް ކޯޓުން ހުކުމްކޮށްފި އެވެ.

ފާއިތުވެ ދިޔަ ހަފުތާގައި ބްރިޓްނީ ވަނީ އޭނާގެ ބައްޕަގެ އަތުން ބެލެނިވެރިކަން ނެގުމަށް ބޭނުންވާ ކަމަށް ބުނެ ކޯޓުގައި އެކަމަށް އެދިފަ އެވެ. ބްރިޓްނީ ބުނިގޮތުގައި އެކަމުގެ ސަބަބުން އޭނާއަށް ނަފްސާނީ ގިނަ މައްސަލަތަކެއް ކުރިމަތިވި ކަމަށެވެ.

އެހެން ނަމަވެސް ބްރިޓްނީގެ މި ދައުވާ އާ އިދިކޮޅަށް އެ މައްސަލަ ބެލި ފަނޑިޔާރުން ވަނީ އޭނާގެ ބައްޕަގެ ބެލުމުގެދަށުގައި އޭނާގެ ކަންތައްތައް ދެމެހެއްޓުން ކުރިއަށް ގެންދިއުމަށް ހުކުމްކޮށްފަ އެވެ.

އުމުރުން 39 އަހަރުގެ ބްރިޓްނީގެ ބެލެނިވެރިކަން 2008 ވަނަ އަހަރުން ފެށިގެން ބަލަމުން އަންނަނީ އޭނާގެ ބައްޕަ އެވެ. މި ބެލެނިވެރިކަމުގެ ދަށުން އޭނާގެ މާލިއްޔަތު ހިމެނޭ ގޮތަށް ހުރިހާކަމެއްގެ ކޮންޓްރޯލް އޭނާގެ ބައްޕައަށް ލިބިގެންވެ އެވެ.

ކޯޓުގެ މި ނިންމުމާއެކު ބްރިޓްނީގެ ވަކީލުން އާ މައްސަލައެއް އަނެއްކާ ވެސް ކޯޓަށް ހުށަހެޅުން ގާތް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މައްސަލަ ބެލި ކޯޓުން ބްރިޓްނީ އާ ދެކޮޅަށް މައްސަލަ ނިންމީ ކީއްވެގެން ކަމެއް އަދި ކޮންކަމަކަށް ރިއާޔަތް ކޮށްގެން ކަމެއް އަދި ވަނީ ނޭނގި އެވެ. -- ޑެއިލީ މެއިލް