ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ހައިޑްރޮގްރަފީ ސާވޭ ހެދުމަށް އިންޑިއާއާއެކު ސަރުކާރުން ހަދާފައިވާ އެއްބަސްވުން ލީކުވެއްޖެ އެވެ.
ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދުވެފައިވާ އެއްބަސްވުމުގައި ބުނެފައިވަނީ މި ހައިޑްރޮގްރަފިކް ސާވޭއިން ލިބޭ ފަންނީ މައުލޫމާތާއި ކޮންޓެންޓް ތިންވަނަ ފަރާތަކަށް ހިއްސާކުރާނަމަ ހިއްސާކުރެވޭނީ އިންޑިއާގެ ރުހުން ހޯދައިގެން ކަމަށެވެ. އަދި މި އެއްބަސްވުމުގެ ދަށުން ކޮންމެ ފަރާތަކުން ވެސް އަނެއް ފަރާތެއްގެ ކޮޕީރައިޓް ހައްގުތައް ރައްކާތެރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން ލާޒިމުކޮށްފައިވެ އެވެ.
ރާއްޖޭގެ އިގްތިސާދީ ސަރަހައްދާއި އެތެރެވަރިއާއި ބޭރުގެ ކަނޑުގެ ސަރަހައްދުގެ ނެވިކަމުގެ ޗާޓުތައް ހެދުމުގެ ހައްގު އިންޑިއާއަށް ލިބިގެންދާނެ އެވެ. އަދި މިޗާޓުތައް ރާއްޖެ އިން އިންޑިއާއިން ގަންނަށްޖެހޭ ގޮތަށް އެއްބަސްވުމުގައި ބުނެފައިވާއިރު ރާއްޖެއިން ބޭނުންވާ ޗާޓުތަކާ ގުޅޭ މައުލޫމާތު ރާއްޖޭގައި ހުންނަ އިންޑިޔާ ހައިކޮމިޝަނާ ދިވެހި ސަރުކާރުން ހިއްސާކުރަން ޖެހެ އެވެ.
ނުވަ ސޮފްހާގެ މައްޗަށް އެކުލެވޭ އެއްބަސްވުމުގައި އިތުރަށް ބުނެފައިވަނީ ރާއްޖެއިން ޗާޓުތައް ބޭނުންވެގެން އެދުމުން އެ ޗާޓުތައް އިންޑިޔާއިން ފޮނުވާނީ ދިވެހިރާއްޖޭގައި ހުންނަ އެ ގައުމުގެ ހައިކޮމިޝަނަށް ކަމަށާއި، އެ ހައިކޮމިޝަނުން އެ ޗާޓުތައް ދިވެހި ސަރުކާރަށް ފޯރުކޮށްދޭނެ ކަމަށެވެ. އަދި ކޮންމެ ޗާޓަކުން ދިވެހި ސަރުކާރަށް އެއްފަހަރާ ގެންގުޅެވޭނީ 25 ކޮޕީ ކަމަށާއި ދިވެހި ސަރުކާރުގެ އަތުގައި ހުރި 10 ކޮޕީއަށް ވުރެ މަދުވެއްޖެނަމަ އެކަން އިންޑިއާ ހައިކޮމިޝަނަށް އަންގައި، އިންޑިއާގެ ހައިޑްރޮގްރަފީ އޮފީހުން ޗާޓު ހޯދަންޖެހެ އެވެ. އަދި އޭގެ އިތުރަށް މި އެއްބަސްވުމުގައި ބުނެފައިވަނީ މި ޗާޓުތައް ދިވެހިރާއްޖެއިން ވިއްކޭނީ އިންޑިއާ ސަރުކާރުން ކަނޑައަޅާ އަގުތަކެއްގައި ކަމަށެވެ. އަދި ސީދާ ކަސްޓަމަރުންނަށް ޗާޓުތަކާއި ހައިޑްރޮގްރެފިކް އެހެނިހެން އުފެއްދުންތައް ފޯރުކޮށްދިނުމުގެ ފުރިހަމަ ޙައްޤު އިންޑިޔާ ސަރުކާރަށް މި އެއްބަސްވުމުގެ ދަށުން ލިބޭނެ އެވެ.
ރާއްޖެއިން އެއްކުރެވޭ މައުލޫމާތު އިންޑިއާއިން އުފައްދާ އުފެއްދުންތަކާއި އިންޑިއާގެ ޚިދުމަތްތަކުގައި ބޭނުންކުރުމަށާއި އެ މައުލޫމާތު އަލުން އުފެއްދުމަށާއި ބޭނުންކުރުމަށް ހުއްދަ ދިނުމާމެދު ދިވެހި ސަރުކާރުން ވިސްނުމަށް ވެސް އެއްބަސްވުމުގައި ހިމަނާފައިވެ އެވެ. އެ މައުލޫމާތު ބޭނުންކުރުމުގައި ހަމައެކަނި ޝަރުތަކީ އެ މައުލޫމާތުގެ ކޮޕީރައިޓް ހައްގުތައް ރާއްޖެއަށް ދިނުމެވެ. އަދި މިފަދައިން ދިވެހިރާއްޖެއިން ލިބޭ މައުލޫމާތު ބޭނުންކުރުމުގައި ރޯޔަލްޓީގެ ގޮތުގައި ދައްކާނެ އަގަކާމެދު ދެ ގައުމުން އެއްބަސްވެވިދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
އެ އެއްބަސްވުމުގެ ދަށުން އެއްކުރެވޭ މައުލޫމާތު ހިމަނައިގެން ތައްޔާރުކުރާ ނެވިކަމުގެ ކަރުދާސް ޗާޓުތަކާއި އިލެކްޓްރިކް ޗާޓުތައް ވިއްކުމާ ގުޅޭ އުސޫލުތައް ވެސް މި އެއްބަސްވުމުގެ ޖަދުވަލުގައި ހިމަނާފައިވެ އެވެ.
މި އެއްބަސްވުމުގައި ސޮއިކުރި ދުވަހުން ފެށިގެން އަމަލުކުރަން ފަށާފައިވާ މި އެއްބަސްވުމުގެ މުއްދަތަކީ ފަސް އަހަރު ކަމަށް އެއްބަސްވުމުގައި ބުނެފައިވާއިރު، އެ ފަސް އަހަރު ނިމުމުން އެއްބަސްވުމުގައި ހިމެނޭ ދެ ދައުލަތުން ކުރެ އެއް ދައުލަތުން އެއްބަސްވުން ނިމުމަކަށް ގެންނަން ބޭނުންވާކަން ލިޔުމުން ނާނގާނަމަ އޭގެ ޒާތުގައި އަމިއްލައަށް އެއްބަސްވުމުގެ މުއްދަތު އިތުރު ފަސް އަހަރަށް ދެމިގެންދާނެ ކަމަށް އެއްބަސްވުމުގައި ބުނެފައިވެ އެވެ.
އަދި އެއްބަސްވުން އުވައިލި ނަމަވެސް އެއްބަސްވުމުގެ ދަށުން ކުރަން ފަށާފައިވާ ކަންކަމަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް ވެސް އެ އެއްބަސްވުމުގައި ބުނެފައިވެ އެވެ.
އަގުތަކާ ގުޅޭ ގޮތުން އިތުރަށް މި އެއްބަސްވުމުގައި ބުނެފައި ވަނީ އިންޑިޔާ ސަރުކާރުން ކޮންމެ ދެ ހަފުތާއަކުން ދޭ ނޯޓިސްއާއި އެ ގައުމުގެ ސަރުކާރުން ފޮނުވާ ސިޓީތަކުގައި ބަޔާންކުރާ އަގުތަކަށްވުރެ ބޮޑު އަގެއްގައި ދިވެހި ސަރުކާރަށް މި ޗާޓުތައް ނުވިއްކޭނެ ކަމުގައިވެސް އެއްބަސްވުމުގައިި ބަޔާންކޮށްފައިވެ އެވެ. އަދި މި އެއްބަސްވުމުގެ ދަށުން އެއްކުރާ މައުލޫމާތަށް ބިނާކޮށް ތައްޔާރުކުރާ ދިވެހިރާއްޖޭގެ ކަނޑުގެ ނެވި ޗާޓުތަކުގެ ކޮޕީރައިޓް ހައްގު އޮންނާނީ އިންޑިއާ ސަރުކާރަށް ކަމަށް މި އެއްބަސްވުމުގައި ބުނެފައިވެ އެވެ.
އަދި މި ޗާޓުތައް އަލުން އުފެއްދުމަށް ނުވަތަ ނަކަލުކުރުމަށް ދިވެހި ސަރުކާރަށް އެއްވެސް ފަރާތަކަށް ވިއްކޭނީ އިންޑިއާ ސަރުކާރުން ކުރިއާލައި ލިޔުމުން ހުއްދަ ދިނުމުން ކަމަށް ވެސް އެއްބަސްވުމުގައި ބުނެފައިވެ އެވެ. ނަމަވެސް އިންޑިއާގެ ހުއްދައެއް ނެތި ރަސްމީ ކަންކަމަށް މި ޗާޓުތައް ބޭނުންކުރެވޭނެ ކަމުގައި ބުނެފައިވެ އެވެ.
އެ އެއްބަސްވުމުގައިވާ މައުލޫމާތު ހޯދަން އޮންލައިން ނޫސް "ދިޔަރެސް" އިން އެދުމުން ވެސް ސަރުކާރުން ވަނީ ގައުމީ ސަލާމަތަށް ނުރައްކާ ވާ ކަމަށް ބުނެ އެ މައުލޫމާތު ހާމަކުރަން ދެކޮޅު ހަދައިފަ އެވެ. އެ އެއްބަސްވުމުގައިވާ ވާހަކަތައް ސާފު ނުވާތީ ބައެއް އާއްމުންނާއި އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ވެސް ސަރުކާރަށް އަމާޒުވި އެވެ.