ހެއިޓީ (07 ޖުލައި) - ހެއިޓީގެ ރައީސް ޖޮވެނެލް މޮއިސްއަށް ބަޑީގެ ހަމަލާއެއް ދީ އިއްޔެ އަވަހާރަކޮށްލުމުން މުޅި ދުނިޔެ ހައިރާންވެއްޖެ އެވެ.

ރައީސް ޖޮވެނެލްއަށް ހަމަލާ އަމާޒުވީ ރަސްމީ ގެކޮޅުގައި އުޅުއްވަނިކޮށްކަމަށް އެ ގައުމުގެ އިންތިގާލީ ބޮޑުވަޒީރު ކްލޯޑް ޖޯސެފް ވަނީ ވިދާޅުވެފަ އެވެ.

މި ހަމަލާ ދީފައިވަނީ މެންދަމުން އަލިވެ އެކެއް ޖަހާކަންހާއިރު މޫނު ފޮރުވައިގެން ހުރި ހަތިޔާރު އެޅި މީހެއް ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެ އެވެ.

މި ހަމަލާގައި ރައީސް ޖޮވެނެލްއަށް ސީރިއަސް ޒަހަމްތަކެއް ލިބި ވަގުތުން އަވަހާރަވެފައިވާއިރު، އެ މަނިކުފާނުގެ އަނބިކަނބަލުންނަށް ވެސް ވަނީ ބޮޑެތި ޒަޚަމްތަކެއް ލިބިވަޑައިގެންފަ އެވެ.

ޖޯސެފް އިތުރަށް ވިދާޅުވިގޮތުގައި ގައުމުގެ އަމާންކަން ދެމެހެއްޓުމަށާއި ދައުލަތް މެދުނުކެނޑި ހިންގުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅާފައިވާނެ ކަމަށާއި މި ހިތާމަވެރި ވަގުތުގައި ރައްޔިތުން މަޑުމައިތިރިކަން އިސްކުރުމަށް އެދޭ ކަމަށެވެ.

ރައީސް ޖޮވެނެލްއަށް ދިން މި ހަމަލާ ދުނިޔޭގެ އެކި ގައުމުތަކުން ދަނީ ހަރުކަށި އިބާރާތުން ކުރަމުންނެވެ. އެގޮތުން އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ކުރެއްވި ޓުވީޓެއްގައި އެ ހިތާމާގައި ބައިވެރިވާކަމަށް ވިދާޅުވާއިރު އެމެރިކާގެ ވައިޓްހައުސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ހަމަލާއަކީ ޚުދުމުހުތާރު ޖަރީމާއެއް ކަމަށެވެ.

އުމުރުން 53 އަހަރުގެ ޖޮވެނެލް ހެއިޓީގެ ރިޔާސަތާއި ހަވާލުވީ ފެބްރުއަރީ 17، 2017ގަ އެވެ. އޭގެ ފަހުން އޭނާއަށް ވަނީ ދައުލަތް ހިންގުމުގައި ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފަ އެވެ. -- ބީބީސީ