ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގެ ތަހުގީގަކީ މިހާތަނަށް ހިންގުނު އެންމެ ފުރިހަމަ ތަހުގީގު ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީއިން ގެނެސްދިން "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވިގޮތުގައި ފެހި ގާނޫނުއަސާސީ އަށް އަމަލު ކުރަން ފެށި ފަހުން އެންމެ ފުރިހަމަ ތަހުގީގެއްގެ ގޮތުގައި ފެންނާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ދިން ހަމަލާގެ ތަހުގީގު ކަމަށެވެ.
މޭ ހަ ވަނަ ދުވަހުގެ ހަމަލާ އާއި ގުޅިގެން ފުލުހުން ކުރިއަށްގެންދާ ތަހުގީގާ މެދުގައި ހިތްހަމަޖެހޭ ކަމަށާއި އެ ތަހުގީގަށް ކުރިއަށް އެރުންތަކެއް ލިބިފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
ރައީސް ނަޝީދުއަށް ދިން ހަމަލާއާއި ގުޅިގެން ކުރިއަށް ގެންދާ ތަހުގީގަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާއިރު މިތަހުގީގު ކުރިއަށް ގެންދަނީ އެއްވެސް ޒާތެއްގެ ނޫފޫޒެއް ނެތި މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.
މަޖިލީހުގެ ރައީސް ނަޝީދަށް ވަފާތެރި އެމްޑީޕީ މެމްބަރުން ދަނީ މިތަހުގީގު ހިގަމުންދާ ގޮތާމެދުގައި ހިތް ހަމަނުޖެހުން ފާޅު ކުރަމުންނެވެ. އަދި މިތަހުގީގު ކުރިއަށްދާ ގޮތް ބެލުމަށް އެމްޑީޕީން ވަނީ މޭ ހައެއްގެ ނަމުގައި ކޮމެޓީއެއް އެކުލަވާލާފަ އެވެ.
ހަމަލާއަށް ޚަރަދުކޮށް ފަންޑު ކުރި މީހުން ހޯދުން ލަސްވަމުންދާތީ ރައީސް ނަޝީދުގެ ސަޕޯޓަރުންނާއި އާންމު ރައްޔިތުންގެ ކަންބޮޑުވުންތައް އިންތިހާއަށް އެބަ އެބަ އޮތެވެ.
ހަމަލާއަށް ޚަރަދު ކުރި މީހުން ހޯދަން ކުރާ މަސައްކަތް މަދު ކަމަށް އިނގިރޭސި ވިލާތުގައި ހުންނަވައިގެން، އާންމު ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވެސް ވިދާޅުވެފައިވެ އެވެ.