ކޮވިޑްއިން ދިފާއުވުމަށް ޖަހާ ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައިވާ މިހާރު ކަރަންޓީނުގައި ތިބި ފަރާތްތައް ދޫކޮށްލުމަށް އެޗްޕީއޭއިން އަންގައިފި އެވެ.

އެޗްޕީއޭއިން ކޮށްފައިވާ އިއުލާނުގައި މިވަގުތު ހޯމް ކަރަންޓީނުގައި ތިބި މީހުންނާއި އެމީހުންނާއި އެކު ދަތުރުކޮށް ކަރަންޓީނުގައި ތިބި ވެކްސިން ނުޖެހޭ ކުދިން، ޕީސީއާރު ޓެސްޓް ހަދައި ނެގެޓިވް ނަތީޖާއާ އެކު ކަރަންޓީނުން ދޫކޮށްލެވޭނެ ކަމަށެވެ.

އިއްޔެ ވަނީ މާލެ ސަރަހައްދުގައި އިއުލާނު ކޮށްފައިވާ ކާފިއު އުވާލުމަށް ފަހު ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް ރަށްރަށަށް ދަތުރުކުރުމުގެ ފުރުސަތު ދީފަ އެވެ. އަދި އަށާރަ އަހަރު ދަށުގެ ކުދިންނަށްވެސް ކަރަންޓީނުވެ ރަށްރަށަށް ދެވޭނެ ގޮތް ވަނީ ހަދާފަ އެވެ.

މިއަދު އެޗްޕީއޭއިން ކަރަންޓީނުގައި ތިބި ފަރާތްތަކުގެ ތެރެއިން ދެ ޑޯޒު ފުރިހަމަ ކޮށްފައިވާ ފަރާތްތައް ދޫކޮށްލަން ނިންމިއިރު

ޑަބްލިއުއެޗްއޯގެ އިމަޖެންސީ ލިސްޓުގައި ހިމެނޭ ވެކްސިނެއް ފުރިހަމަކޮށް 14 ދުވަސް ހަމަވެފައިވާ، މީހުންގެ ތެރެއިން ކަރަންޓީނުގެ ހަތް ދުވަސް ފުރިހަމަވެފައިވާ ނަމަ، ޕީސީއާރު ޓެސްޓް ހަދައި ނެގެޓިވް ނަތީޖާ ލިބުމުން ކަރަންޓީނުން ދޫކުރެވޭނެ ކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.