ކުއަލަލަންޕޫރު (09 ޖުލައި) - މެލޭޝިއާގެ އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށްވާ ދަ ޔުނައިޓެޑު މެލޭސް ނެޝަނަލް އޮގަނައިޒޭޝަން (އަމްނޯ ) އިން އެ ގައުމުގެ ބޮޑުވަޒީރު މުހްޔިއްދީނު ޔާސީންއަށް ކުރި ތާއީދު އަނބުރާ ގެންދިއުމާއެކު ބޮޑުވަޒީރުކަމުގެ މަގާމުގައި ދެމިހުންނަށް އޭނާއަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތި ވެއްޖެ އެވެ.
އަމްނޯ އިން މުހްޔިއްދީނަށް ކުރަމުން އައި ތާއީދު އަނބުރާ ގެންދިއުމުގެ ސަބަބުން ބޮޑުވަޒީރު ކަމުގައި އޭނާގެ މުސްތަގުބަލާ މެދު ސުވާލު އުފެދިފައި އޮތް ދަންޑިވަޅެއްގައި އޭނާގެ ޕާޓީ ކަމަށްވާ ޕަކަޓަން ނެސެނަލް އިން ބުނެފައި ވަނީ އަމްނޯގެ ތާއީދާ ނުލާވިޔަސް މުހުޔިއްދީނުގެ ސަރުކާރު ކުރިއަށްދާނެ ކަމަށެވެ.
މީގެ އިތުރުން އެ ޕާޓީން އިތުރަށް ބުނެފައިވަނީ އަމްނޯގެ ނިންމުމުގެ ސަބަބުން މުހުޔިއްދީނުގެ ސަރުކާރަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށާއި ކުރިއެކޭ އެއްގޮތަށް ދައުލަތް ހިންގުން ކުރިއަށްދާނެ ކަމަށެވެ.
އުމްނޯގެ ރައީސް އަހުމަދު ޒާހިދު ހަމީދީ އިއްޔެ ވަނީ އެ ޕާޓީން މުހުޔިއްދީނަށް ކޮށްފައިވާ ތާއީދު އަނބުރާ ގެންދިއުމަށް އެ ޕާޓީގެ ސްޕްރީމް ކައުންސިލުން ނިންމާފައިވާ ކަމަށް އިއުލާންކޮށްފަ އެވެ. އަދި ބޮޑުވަޒީރުކަމުން ވަގުތުން ވަގުތައް އިސްތިއުފާ ދިނުމަށް ވެސް އޭނާ ވަނީ މުހުޔިއްދީނަށް ގޮވާލައްވައިފަ އެވެ.
މި މައްސަލައާއި ގުޅިގެން އަމްނޯގެ އެތެރޭގެ ގިނަ މައްސަލަތަކެއް ވެސް ވަނީ އުފެދިފަ އެވެ. މެލޭޝިއާގެ ގާނޫނު ހަދާ މަޖިލީހުގައި އަމްނޯ ތަމްސީލުކުރާ މެމްބަރުންގެ މެދުގައި ވަނީ ހިޔާލު ތަފާތުވެ ހަމަނުޖެހުންތައް ބޮޑުވެފަ އެވެ.
މާހިރުން ބުނާގޮތުގައި އަމްނޯގެ ތާއީދު އަނބުރާ ގެންދިއުމަކީ މުހުޔިއްދީނު މަގާމުން ދުރުކުރުމަށް ފުދޭވަރުގެ ކަމެއް ނޫން ކަމަށާއި އެކަމަށްޓަކައި ގާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ބޭނުންވާ ކަމަށެވެ.
ކަން މިހެން އޮތް ނަމަވެސް މުހުޔިއްދީނު ހުންނެވީ އޭނާގެ މަގާމުގައި ސާބިތުވެހުރުމަށް އަޒުމު ކަނޑައަޅައިގެން ނެވެ. މެލޭޝިއާގެ ރަސްގެފާނާއި ބޮޑެތި ސަޔާސީ ޕާޓީތަކުގެ ނުރުހުމާއެކު ވިޔަސް މެ އެވެ. – ދަ ސްޓްރެއިޓްސް ޓައިމްސް