އެމެރިކާގެ ދެމަފިރިން ކަމަށްވާ 29 އަހަރުގެ ޖޯޝް އަޚްތަރު އާއި 28 އަހަރުގެ ޗާލީ އޮސްމާންއަކީ މީގެ އަހަރެއްހާ ދުވަސްކުރިން ލަންޑަންގެ ވަޒީފާއެއް އަދާކުރަމުން އައި ދެމަފިރިންނެވެ.

ދެ މީހުން މަސައްކަތް ކޮށްގެން ވެސް ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް މަތިވުމުގެ ސަބަބުން އެ ދެމަފިރިން ވަނީ ފައިސާ ރައްކާކުރާނެ އިތުރު ގޮތެއް ހޯދާފަ އެވެ.

އެގޮތުން އެ މީހުން ލަންޑަނުގައި ދިރިއުޅެމުން އައި ފްލެޓް ދޫކޮށްލުމަށްފަހު މާސިޑީސް ބެންޒް މިނީބަސް އެއްގަތީ ދިރިއުޅުމުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމުގެ ގޮތުންނެވެ.

ބަސް ގަތުމަށްފަހު އެ މީހުން ބޭނުންވާ ފެންވަރަށް ބަހުގެ އިންޓީރިއާ ޑިޒައިން ކުރަން 15،500 ޕައުންޑުސް ހޭދަވި އެވެ. އަދި އެއަށްފަހު އެމީހުންގެ ދިރިއުޅުމުގެ އާ ސަފްހާއެއް ފެށި އެވެ.

އެގޮތުން އެ މީހުން ވަނީ އެ ބަހުގައި ނިދާނެ ޑަބަލް ބެޑުގެ އެނދަކާއި ބަދިގެއެއްގެ އިތުުރުން އިށީނދެ ތިބެވޭނެ އިންތިޒާމު ވެސް ބަހުގެ ތެރޭގައި ހަމަޖައްސާފަ އެވެ.

ގްރެފިކް ޑިޒައިނަރުންގެ ގޮތުގައި މީގެ ކުރިން ވަޒީފާ އަދާ ކުރަމުން ދިޔަ މި ދެމަފިރިން ލަންޑަނުގެ ދިރިއުޅުން ދޫކޮށްލިތާ އަހަރަކާ ގާތްވެފައި ވާއިރު، އެއްގަމު މަގުން ގިނަ ތަންތަނަށް ދަތުރުކޮށްފައިވެ އެވެ.

ހަފުތާއަކު ތިން ދުވަހު ފްރީލާންސް މަސައްކަތް ކުރަމުން އަންނަ އެ ދެމަފިރިންނަށް މިގޮތުގައި ދިރިއުޅެގެން މަހެއްގެ މައްޗަށް ހަރަދުވަނީ 250 ޕައުންޑްސް ކަމަށް އެ ދެމަފިރިން ބުނެ އެވެ.

ޖޯޝް 29، އަދި ޗާލީ 28، އެމީހުންގެ ބަސް ކުރިމަތީގައި

އޭނާގެ މިހާރުގެ ދިރިއުޅުމާމެދު ހިތްހަމަޖެހިފައި ހުރި ޗާލީ ބުނީ ހަތަރު ފުރޮޅުލީ އުޅަނދެއްގައި ދިރިއުޅެން ޖެހުމުގެ ސަބަބުން ވަކި އިތުރު އުނދަގޫތަކެއް ނުވާ ކަމަށާއި މިހާރު އުޅޭ ގޮތަށް އަޅުން މާ ހިތްފަސޭހަ ކަމަށެވެ.

ދަތުރުކުރުމާއި ކޭމްޕިންއަށް އަބަދުވެސް ޝައުގުވެރިކަން ހުންނަ މި ދެމަފިރިން ވަނީ ޕެންޑަމިކް ތެރޭގައި ވެސް އިނގިރޭސިވިލާތާއި އެ ގައުމުގެ އަވަށްޓެރި ބައެއް ގައުމުތަކަށް ވެސް ޒިޔާރަތްކޮށްފަ އެވެ.

ޖޯޝް އިތުރަށް ބުނީ ދަތުރު ކުރަން ޝައުގުވެރިކަން ހުންނަ ކޮންމެ މީހަކަށް ވެސް މިކަން ކުރެވިދާނެ ކަމަށާއި ނަމަވެސް އެއީ ހިތްވަރު ބޭނުންވާނެ ކަމެއް ކަމަށެވެ.