ޕޯޓް އޯ ޕްރިންސް (10 ޖުލައި) - ހެއިޓީގެ ރައީސް ޖޮވެނެލް މޮއިސް މިދިޔަ ހަފުތާގައި ގަތުލަށްފަހު، އެ ގައުމުގައި ދާޚިލީ ހަމަނުޖެހުންތައް ބޮޑުވެ، ވެރިކަމާ ތަޅާފޮޅަން ފަށައިފި އެވެ.

ހެއިޓީގައި ހަމަނުޖެހުންތައް ފެށުނީ ޖޮވެނެލްގެ މަރަށް ފަހު ވެރިކަމަށް އިސްވި އެ ގައުމުގެ އިންތިގާލީ ބޮޑުވަޒީރު އޭރިއަލް ހެންރީ، އެ ގައުމުގައި ދެން ވެރިކަން ކުރަންޖެހޭނީ އޭނާ ކަމަށް ދައުވާކުރި ހިސާބުންނެވެ.

ޖޮވެނެލް ގަތުލުކުރުމުގެ ދެ ދުވަސް ކުރިން ބޮޑުވަޒީރުގެ މަގާމަށް އިސްކުރި އޭރިއަލް ވިދާޅުވީ މި ވަގުތު އެ ގައުމުގެ އެންމެ އިސް މަގާމުގައި ހުރީ އޭނާ ކަމަށާއި މިހާރު މަގާމުގައި ހުރި ބޮޑުވަޒީރު ކްލޯޑް ޖޯސެފް ނޫން ކަމަށެވެ.

"ރައީސްގެ މަރަށް ފަހު މި ގައުމުގައި އެންމެ އިސް މީހަކަށް ހުރީ އަޅުގަނޑު. މިއީ ގާނޫނީ ގޮތުން އެންމެ ރަނގަޅު ގޮތް،" އޭރިއަލް ވިދާޅުވެފައިވެ އެވެ.

ރައީސް ގަތުލުކުރިއިރު އޭރިއަލް އޭނާގެ ބޮޑުވަޒީރުކަމުގެ ހުވާކޮށްފައި ނުވާތީ ދެން އެ ގައުމުގައި ވެރިކަން ކުރާނީ ކޮން ބޭފުޅެއްތޯ ވަނީ ސުވާލު އުފެދިފަ އެވެ.

އޭރިއަލް ވިދާޅުވިގޮތުގައި އޭނާގެ ސަރުކާރަކީ ގައުމިއްޔަތަށް އިސްކަން ދޭނެ ސަރުކާރެއް ކަމަށާއި ޖޮވެނެލްގެ މަރުގެ ތަހުގީގު އެއްވެސް އުނިކަމެއް ނެތި އޭނާގެ ސަރުކާރެއްގައި ކުރިއަށް ގެންދާނެ ކަމަށެވެ.

މިދިޔަ އަންގާރަ ދުވަހު ގަތުލުކުރި ޖޮވެނެލްއަށް ދިން ހަމަލާއަކީ ބޭރުގެ ޖަމިއްޔާއަކާ ގުޅިގެން ކޮލަމްބިއާ އަސްކަރިއްޔާގެ ކުރީގެ ކޮމާންޑަރުންތަކެއް އިސްވެ ތިބެ ދިން ހަމަލާއެއް ކަމަށް ތަހުގީގަށް ވަނީ އެނގިފަ އެވެ. މީގެ ތެރެއިން އެއްބަޔަކު ފުލުހުންނާ ދެމެދު ކުރިއަށްދިޔަ ހަމަނުޖެހުންތަކެއްގައި މަރުވެފައިވާއިރު އަނެއް ބަޔަކު ވަނީ ހައްޔަރު ކުރެވިފަ އެވެ.

ހެއިޓީގެ ސެނެޓުން ވަނީ އިންތިގާލީ ރައީސެއްގެ ގޮތުގައި ޖޯސެފް ލެމްބާޓްގެ ނަން ހުށަހަޅާފަ އެވެ. އޭރިއަލް ބުނެފައި ވަނީ ލެމްބާޓާއެކު މަސައްކަތް ކުރަން ވެސް ތައްޔާރަށް ހުރި ކަމަށެވެ.