ބާލިން (10 ޖުލައި) - އީރާނުގެ އިންތިހާބީ ރައީސް އިބްރާހިމް ރައިސީ ކޯޓަށް ހާޒިރުކުރަން ގޮވާލާ އެ ގައުމުން ބޭރުކޮށްލާފައިވާ އިދިކޮޅު އެންމެ އިސް ލީޑަރުގެ ސަޕޯޓަރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުޒާހަރާ ކޮށްފި އެވެ.

ޖަރުމަނުގެ ބާލިންގެ ބްރެންޑެންބާގް ގޭޓުގައި ކުރިއަށްދިޔަ މި މުޒާހަރާއަކީ ފްރީ އީރާން ވޯލްޑް ސަމިޓްގެ ނަމުގައި ކުރިއަށްގެންދާ ކެމްޕެއިނެއްގެ ދަށުން ބޭއްވި މުޒާހަރާއެކެވެ.

މި މުޒާހަރާ ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވި އެކްޓިވިސްޓެއް ކަމަށްވާ މަރްޔަމް ރަޖާވީ ބުނީ ރައިސީއަކީ އިރާނުގެ ޖަލެއްގައި 1988 ވަނަ އަހަރު ހިނގި ގަތުލު އާއްމުގައި އިސްކޮށް އުޅުނު މީހެއް ކަމަށެވެ.

އިންސާނީ ހައްރުތަކަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމާއަތެއް ކަމަށްވާ އެމްނެސްޓީ އިންޓަނޭޝަނަލް އިން ބުނީ އީރާނުގެ ވެރިކަމަށް ރައިސީ އިންތިހާބުވުމަކީ ދުނިޔޭގެ އަދުލު އިންސާފަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި އީރާނުގައި ގަތުލުކުރެވުނު ސިޔާސީ ހައްޔަރީން ގަތުލުކުރުމުގައި އޭނާގެ ދައުރު އިތުރަށް ތަހުގީގުކުރަން ޖެހޭ ކަމަށެވެ.

މި ތުހުމަތުތަކާ ބެހޭގޮތުން ރައިސީގެ ބަހެއް މިހާތަނަށް ލިބިފައިނުވާއިރު، އީރާންގެ ރަސްމީ އިދާރާތަކުން ވެސް މިކަމާ ގުޅިގެން އެއްވެސް އެއްޗެއް ބުނެފަ އެއް ނުވެ އެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކާއި ދުނިޔޭގެ އެކި ގައުމުތަކުން އަންނަނީ އީރާނުން މިދިޔަ މަހު ކުރިއަށް ގެންގޮސްފައިވާ ރިޔާސީ އިންތިހާބަކީ ބޮއިކޮޓްކޮށްފައިވާ އިންތިހާބެއް ކަމަށް ބުނެ ފާޑު ކިޔަމުން ނެވެ. -- ރޮއިޓާސް