ބަޔަކު ރަހީނުކޮށް، މަރާލާފައި އޮތްވައި ފެނުނު އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމަށް ފަހު އަންނަ އަންގާރަ ދުވަހު އަނބުރާ ރާއްޖެ ގެންނާނެ ކަމަށް ފުލުހުން ބުނެފި އެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ރޭ ދަންވަރު ހުޅުމާލެ ދެ ވަނަ ފިޔަވަހީގެ މޫދުގައި މަރާލާފައި އޮއްވާ ފެނުނު 13 އަހަރުގެ ކުއްޖާ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ފޮނުއްވީ މިމަހުގެ ހަތަރު ވަނަ ދުވަހު އެވެ.

މިކަމާއި ގުޅިގެން، ފުލުހުން ހާމަކުރި ގޮތުގައި، ޕޯސްޓްމޯޓަމް ހަދާ ރިޕޯޓް ވެސް ލިބިފައިވާ ކަމަށާއި އޭނާގެ ހަށިގަނޑު މި އަންގާރަ ދުވަހު މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އަދި މާލެ ގެނެސް، ހަށިގަނޑު އާއިލާއާއި ހަވާލުކުރާނެ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން މިހާތަނަށް 17 އަހަރުގެ ދިވެހި ފިރިހެން ކުއްޖަކާއި 27 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރު ކޮށްފަވާއިރު، ހަތާވީސް އަހަރުގެ މީހާ އަކީ ނ. ލަންދޫ، ބަގީޗާގޭ، އިބްރާހިމް ޒިހާނެވެ.

މީގެ އިތުރުން، މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވާ ދެ މީހުންނަކީ ވެސް އެ ކުއްޖާގެ އެކުވެރިން ކަމަށްވާއިރު، ދެ މީހުންގެ ތެރެއިން 17 އަހަރުގެ ކުއްޖާގެ ބަންދަށް 15 ދުވަސް ކޯޓުން ވަނީ ޖަހައިދީފަ އެވެ. އަދި 27 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.