ބަޔަކު ރަހީނުކޮށް، މަރާލާފައި އޮތްވައި ފެނުނު އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމަށް ފަހު ހަށިގަނޑު މާލެ ގެނެސް މިއަދު ވަޅުލައިފި އެވެ.

ތޭރަ އަހަރުގެ ކުއްޖާ ވަޅުލީ މިއަދު މަޣްރިބް ނަމާދު ފަހުން މާފަންނު އާ ސަހަރާގައި އެވެ.

މަރާލުމަށް ފަހު ހުޅުމާލޭ ދެ ވަނަ ފިޔަވަހީގެ މޫދަށް އެއްލާލާފައި އޮއްވައި ފެނުނު 13 އަހަރުގެ ފިރިހެން ކުއްޖާގެ ޕޯސްޓްމޯޓަމް އިންޑިއާގައި ހެދުމަށް ގެންދިޔާއީ މީގެ ހަފުތާއެއް ކުރިންނެވެ.

މަރާލާފައި އޮއްވައި މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ ކުއްޖާގެ ހަށިގަނޑު ފެނުނީ އެ ކުއްޖާ ރަހީނުކޮށްފައިވާ ކަމަށް ފުލުހުންނަށް ކުރި ރިޕޯޓަކާ ގުޅިގެން ފުލުހުން ކުރި މަސައްކަތުންނެވެ. ހަށިގަނޑު މޫދުން ފެނުނީ ފޮއްޓަކަށް ލާފައި އޮއްވަ އެވެ.

މި މައްސަލައާއި ގުޅިގެން މިހާތަނަށް 17 އަހަރުގެ ދިވެހި ފިރިހެން ކުއްޖަކާއި 27 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރު ކޮށްފަވާއިރު، ހަތާވީސް އަހަރުގެ މީހާ އަކީ ނ. ލަންދޫ، ބަގީޗާގޭ، އިބްރާހިމް ޒިހާނެވެ.

ޒިހާން ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. އަދި 17 އަހަރުގެ ކުއްޖާގެ ބަންދު އެކި ފަހަރުމަތިން ވަނީ އިތުރުކޮށްފަ އެވެ.

އެނގިފައިވާ ގޮތުގައި އެ ކުއްޖާ މަރާލީ އޭނާ އަށް ޖިންސީ ގޯނާކުރި ކަމުގެ މައުލޫމާތު، އެހެން ބައެއްގެ ގާތުގައި ދެއްކުމުން، އެކަމާ ރުޅި އައިސްގެން ކުއްޖާ ރަހީނުކޮށްގެން ގެންގުޅަމަށް ފަހު އެވެ.