ޝަންހާއީ (13 ޖުލައި) - ޗައިނާގެ ޝަންހާއީގައި ޓޫރިސްޓް ހޮޓްލެއް ވެއްޓި އިމާރާތުގެ ދަށުވެ 8 މީހަކު މަރުވެފައިވާ ކަމަށް ޗައިނާގެ މީޑިއާތަކުން ބުނެފި އެވެ.

މި ހާދިސާގައި އިތުރު ނުވަ މީހަކު ބެރިތަކުގެ ދަށުވެފައިވާއިރު، ރެސްކިއު ޓީމުތަކުން އަންނަނީ އެ މީހުން ހޯދުމުގެ މަސައްކަތް މެދުކެނޑުމެއް ނެތި ކުރަމުންނެވެ.

ޗައިނާގެ އައްސޭރިފަށުގެ އަވަށެއް ކަމަށްވާ ޝަންހާއީގައި ހުންނަ ސިޖީ ކައިޔުއާން ހޮޓަލް ބިމާ ހަމަވެފައި ވަނީ ހޯމަ ދުވަހުގެ މެންދުރު ފަހު އެވެ. މި ހާދިސާ ހިނގުމާއެކު މިނިސްޓްރީ އޮފް އެމެޖެންސީ މެނޭޖުމަންޓުން ވަނީ އެ ސަރަހައްދަށް ވަގުތުން ރެސްކިއު ޓީމެއް ފޮނުވާފަ އެވެ.

މި ހާދިސާ ހިނގެން މެދުވެރިވި ސަބަބެއް މިހާތަނަށް އެނގިފައި ނުވާއިރު އިތުރު ތަހުގީގުތައް ކުރަމުންދާކަމަށް ދައުލަތުގެ މީޑިއާ ޝިންހުވާ އިން ބުނެ އެވެ.

ހޯމަ ދުވަހު ބިމާހަމަވި ސިޖީ ކައިޔުއާން ބަޖެޓް ހޮޓަލަކީ 54 ކޮޓަރި ހިމެނޭ ގޮތަށް ތިން ފަންގިފިލާގެ މައްޗަށް ހަދާފައިވާ ހޮޓަލެކެވެ. މި ހޮޓަލް ހުޅުވީ 2018 ވަނަ އަހަރު އެވެ. -- ރޮއިޓާސް