ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު ކާނަލް މުހައްމަދު ނާޒިމް އިސްވެ އަލަށް އުފައްދަވާ ޕާޓީއަށް ކިޔަނީ މޯލްޑިވްސް ނެޝަނަލް ޕާޓީ ކަމަށް އިއުލާންކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި ޓުވީޓެއްގައި ބުނެފައި ވަނީ މޯލްޑިވްސް ނެޝަނަލް ޕާޓީގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ ހުއްދަ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު ވ. ވަސްމީރުފިޔަ, އަހުމަދު އުޝާމްއަށް ދީފައިވާ ކަމަށެވެ.

އުޝާމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މޯލްޑިވްސް ނޭޝަނަލް ޕާޓީއަކީ އޭނާގެ އިތުރުން ދަނގެތި ދާއިރާގެ މެންބަރު ނާޒިމް, ތިމަރަފުށީ ދާއިރާގެ މެންބަރު ރިޔާޒް, ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ އަދި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލްމުހުސިން ހަމީދު ގުޅިގެން އުފައްދަވަން މަސައްކަތްކުރާ ޕާޓީއެއް ކަމަށެވެ.

"މޯލްޑިވްސް ނެޝަނަލް ޕާޓީއަކީ ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް އާއި ނޮޅިވަރަމް ދާއިރާގެ މެމްބަރާއި ނިލަންދޫ ދާއިރާގެ މެމްބަރާއި އަބްދުﷲ ރިޔާޒާއި އަޅުގަނޑު ގުޅިގެން އުފައްދަން މަސައްކަތްކުރަމުންދާ ސިޔާސީ ޕާޓީއެއް. އުއްމީދަކީ މާލަސްތަކެއް ނުވެ ޕާޓީ ރަޖިސްޓްރީ ކުރުމަށް ކުރަންޖެހޭ ކަންކަން ކޮށް ނިންމުން. ޝުކުރިއްޔާ،" އުޝާމް ވިދާޅުވި އެވެ.

އާ ޕާޓީއެއް އުފެއްދެވުމަށް ނާޒިމާއި ރިޔާޒް ވަނީ ޖުމްހޫރީ ޕާޓީން ވަކިވެފަ އެވެ. އަދި އުޝާމް އާއި މުހުސިން އަދި ނަޝީދަކީ މަޖިލީހުގައި ތިއްބަވާ މިނިވަން މެމްބަރުންތަކެކެވެ.