އިދިކޮޅު ކޯލިޝަން ޕީޕީއެމް/ޕީއެންސީއަށް ރަނގަޅު ގޮތް ނިންމާނީ ކޯލިޝަންގެ ލީޑަރުން ކަމަށާއި އެ ކޯލިޝަނަށް އެމްޑީޕީގެ ލަފާ އާއި މަޝްވަރާ ބޭނުންނުވާ ކަމަށް ޕީޕީއެމް/ޕީއެންސީން ބުނެފި އެވެ.
ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މަޖިލިސް މެމްބަރު ވިދާޅުވީ، ޕީޕީއެމް/ޕީއެންސީއަށް އެންމެ ރަނގަޅު ގޮތް ނިންމާނީ އެ ދެ ޕާޓީން ކަމަށާއި އަދި އެއީ އެހެން ޕާޓީއެއްގެ ރައީސްއަކަށް އޮތް ހައްގެއް، އަދި ބާރެއް ނުވަތަ ޒިންމާއެއް ވެސް ނޫން ކަމަށެވެ. އަދި ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސިޔާސަތަކީ ރާއްޖެއަށް އެންމެ ފައިދާހުރިި ސިޔާސަތުކަން އެ މަނިކުފާނުގެ ވެރިކަމުގައި ސާބިތުކޮށްދީފައިވާ ކަމަށެވެ.
އިދިކޮޅު ކޯލިޝަނަކީ ވަކި އުސޫލުތަކެއް ހިފަހައްޓާ އިންސްޓްޓިއުޝަނެއް ކަމަށާއި ނަމަވެސް އެމްޑީޕީއަކީ އޭގެ ބަދަލުގައި އެއްވެސް ހަމައެއް އުސޫލެއް އޮންނަ ޕާޓީއެއް ނޫން ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
"އަޅުގަނޑުމެން ގަބޫލުކުރާ އެންމެ މުހިންމު އަސާސްތައް މިސާލަކަށް އިސްލާމްދީނާ އަޅުގަނޑުމެން ދެކޭ ގޮތާ ދިވެހި ގައުމިއްޔަތާ އަދި ރާއްޖޭގެ މިނިވަންކަމާ ދިވެހިރާއްޖޭގެ އިގްތިސޯދުކުރިއަށް ގެންދިއުމާ މިފަދަ ކަންކަމާ. މިއީ ބިނާކުރަނިވި ފިކުރަތާ ފަނާކުރަނިވި ފިކުރެއް މި އުޅެނީ،" ޝިޔާމް ވިދާޅުވި އެވެ.
އެމްޑީޕީއަކީ މިހާރު ފެތެމުންދާ އޮޑިއެއް ކަމަށް ޝިޔާމް ވިދާޅުވި އެވެ. އަދި އެ އޮޑި ފެތެމުންދަނީ ނަޝީދު ހުންގާނުގައިި ހުންނަވަނިކޮށް ކަމަށްވެސް އޭނާ އިތުރަށް ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވީ ސިޔާސީ ގޮތުން ދެކޮޅު ވާދަވެރި ޕާޓީއެއްގެ ގޮތުގައި ޕީޕީއެމް/ޕީއެންސީ އޮންނައިރު ނަޝިދުގެ ސިޔާސީ ވިސްނުމަށް ޖާގައެއް ނެތް ކަމަށެވެ.
އެމްޑީޕީ/ޕީޕީއެމް ކޯލިޝަނެއް ބޭނުންވާ ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. އަދި ހަމަ އެ މޭރުމުން މިއަދުވެސް ވާހަކަ ދައްކަވައި ވިދާޅުވީ އެމްޑީޕީ/ޕީޕީއެމް އިއްތިހާދެއް އުފެއްދުމަށް ޔާމީންގެ އެހީތެރި ކަމަށް އެދުން އެއީ ރާއްޖެއަށާއި ޕާޓީއަށް އެންމެ ރަނގަޅު ގޮތް ކަމަށެވެ.