ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ކުޅުދުއްފުއްޓަށް މިއަދު ވަޑައިގަތުމުން އިސްތިއުފާއަށް ގޮވައިފި އެވެ.

ކުޅުދުއްފުށީ މީހުން އިސްތިއުފާއަށް ގޮވީ ރައީސް ސޯލިހު ވެރިކަމަށް ވަޑައިގަންނަވަމުން އެ ސިޓީއަށް ވެވަޑައިގެންނެވި ރިޔާސީ ވައުދުތައް ފުއްދަވާފައިނުވާތީ ކަމަށް މައުލޫމާތު ލިބެ އެވެ.

ރައީސްގެ ދެކަނބަލުން އެ ރަށަށް ވަޑައިގެންނެވި ވަގުތު ޕީޕީއެމްގެ ސަޕޯޓަރުންތަކެއް "އިބޫ އިސްތިއުފާ" ޖަހާފައިވާ ބެނާއަކާއި "ރައީސް ޔާމީން މިނިވަންކުރޭ" ޖަހާފައިވާ ބަނާއެއް ހިފައިގެން އެއާޕޯޓް ކައިރީގައި ތިއްބެވެ. އަދި އަޑުގަދަކުރާ ބޭނުންކޮށްގެން އެއާޕޯޓު ކައިރީގައި ތަފާތު މެސެޖްތަކާއި އެ މަނިކުފާނު ކުރިން ދައްކަވާފައިވާ ބައެއް ވާހަކަތަކުގެ އޯޑިއޯ ވެސް ޖަހަމުންގެންދިޔަ އެވެ.

ރައީސްގެ ދެކަނބަލުން ކުޅުދުއްފުއްޓަށް ވަޑައިގެންނެވުމުން އެ ރަށު އެއާޕޯޓުގައި މަރުހަބާ ދެންނެވުން ވެސް އޮތެވެ.

ރައީސް އެ ރަށަށް ވަޑައިގަތުމުން މަރުހަބާ ދެންނެވީ ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް އާއި ސިޓީ ކައުންސިލްގެ މެންބަރުންގެ އިތުރުން އެ ސިޓީގެ އެކި މުޢައްސަސާތަކުގެ އިސްވެރިންނެވެ.

ރައީސް އޮފީހުން ބުނީ މިދަތުރުފުޅުގައި ރައީސްގެ ދެކަބަނލުން ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި، އެތަނުގައި ކުރިއަށްދާ މަސައްކަތްތައް ބައްލަވާލައްވާ ގޮތަށް ވަނީ ހަމަޖެހިފައިވާ ކަމަށެވެ. އަދި، އެ ރަށު ބައެއް އެހެން ތަންތަނަށް ވެސް ރައީސް ސޯލިހު ޒިޔާރަތް ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މިދަތުރުފުޅުގައި ކުޅުއްފުއްޓަށް ފަހު ރައީސް ސޯލިހު ދެން ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ހދ. ކުމުންދޫ އާއި ހަނިމާދޫ އަށެވެ.

ރައީސް އޮފީހުން ބުނީ ތިން ދުވަހުގެ މި ދަތުރުފުޅުގައި އެ ތިން ރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާ ރައީސް ބައްދަލު ކުރައްވާނެ ކަމަށެވެ. އަދި އެ ރަށްރަށުގެ ސަރުކާރު މުއައްސަސާތަކަށް ވެސް އެ މަނިކުފާނު ޒިޔާރަތް ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.