ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހެދި ހިޔާ ފްލެޓްތައް ލިބުނު ފަރާތްތަކާ ދެމެދު އެއްބަސްވުމުގައި ސޮއި ކުރުމުގެ މަސައްކަތް އަލުން އަންނަ އާދިއްތަ ދުވަހުން ފެށިގެން ކުރިއަށްދާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މިއަދު ބުނެފި އެވެ.
ހިޔާ ފްލެޓް ލިބުނު ފަރާތްތަކަށް ފްލެޓް ހަވާލުކުރުމުގެ މަސައްކަތް އެޗްޑީސީއިން ފަށާފައި ވަނީ މިމަހުގެ 14 ވަނަ ދުވަހު އެވެ. އެހެން ނަމަވެސް އީދު ބަންދަށް މެދުކަނޑާލުމަށް ފަހު އަލުން އަންނަ ހޮނިހިރު ދުވަހު ފްލެޓް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އެޗްޑީސީން މީގެ ކުރިން ވަނީ ބުނެފަ އެވެ.
ނަމަވެސް އެޗްޑީސީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އަންނަ ހޮނިހިރު ދުވަހު ހިޔާ ފްލެޓް ލިބުނު ފަރާތްތަކާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުން މިއަދު ނޯންނާނެ ކަމަށާއި ދެން އެއްބަސްވުމުގައި ސޮއިކުރުން އޮންނާނީ އަންނަ އަދިއްތަ ދުވަހު ކަމަށެވެ.
އަންނަ އާދިއްތަ ދުވަހު ސޮއިކުރުމުގެ މަސައްކަތް ކުރިއަށްދާނީ ކުރިން އިއުލާނު ކޮށްފައިވާ ތާވަލާއެއް ގޮތަށް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ސަރުކާރު ބަންދު ނޫން ދުވަސްތަކުގައި އެކި ދުވަސްތަކަށް ބަހާލައިގެން އެކި ޓަވަރުތަކުގެ އެއްބަސްވުންތައް އެކުލަވާލުމުގެ މަސައްކަތް އެޗްޑީސީން ކުރަމުންދާނެ ގޮތުގެ ތަފްސީލު އެއެ ކުންފުނިން މިހާރު ވަނީ އާއްމުކޮށްފަ އެވެ. މީގެ ދަށުން އަންނަ އޯގަސްޓް މަހުގެ 15 ވަނަ ދުވަހާ ހަމައަށް ހުރިހާ ޓަވަރެއްގައި ހުރި ފްލެޓުތައް ލިބުނު މީހުންނާ އެ ފްލެޓްތައް ހަވާލުކޮށް ނިންމާލެވޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.
އެ ކުންފުނިން ބުނީ އެކި ސަބަބުތަކަށްޓަކައި އެއްބަސްވުމުގައި ސޮއިކުރަން ނާދެވޭ ފަރާތްތަކަށް ޚާއްސަ އުސޫލެއްގެ ދަށުން އެ ފުރުސަތު ފަހިކޮށްދީ އެކަން އަންގާނެ ކަމަށެވެ.
ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތް ކުރުމަށް ދިނުމަށް ނިންމާފައިވާ ތިން މަހުގެ މުއްދަތު ގުނަން ފަށާނެ ތާރީހެއް ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ވަނީ ބުނެފަ އެވެ.
ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރި ނަމަވެސް، ތަނުގެ ފިނިޝިން މަސައްކަތަށް ދިނުމަށް ހަމަޖެހިފައިވާ ތިން މަސް ދުވަހުގެ މުއްދަތު ގުނަން ފަށާނީ، ކަރަންޓުގެ މަސައްކަތް ނިމުމުން ކަމަށް އެ ކުންފުނިން ބުންޏެވެ.
އެގްރީމެންޓްގައި ސޮއިކުރުމަށްފަހު، ތަނުގެ ތަޅުދަނޑި ވެރިމީހާއާ ހަވާލުކޮށް، ތަން ހަވާލުކުރި ކަމުގެ ލިޔުން ދެނީ ހިޔާ ފްލެޓް ސަރަހައްދުންނެވެ. އެއާއެކު ފްލެޓަށް ގެންނަވާ އިތުރު ބަދަލުތައް ގެނައުމަށް ޚާއްސަ ހުއްދައަށް އެދޭ ފޯމާއި، ފެން ގުޅުމުގެ މަސައްކަތް ވެސް އެ ސަރަހައްދުން ވަގުތުން ފުރިހަމަ ކޮށްދެ އެވެ. ތަނުގެ ވެރިމީހާގެ ހާޒިރުގައި ފެން ގުޅައިދިނުމުގެ މަސައްކަތް ވެސް އަންނަނީ ވަގުތުން ކޮށްދެމުންނެވެ.
ހުޅުމާލެ ދެ ވަނަ ފިޔަވަހިއަށް ކަރަންޓް ދިނުމުގެ މަސައްކަތް ނިންމާލާފައިވާއިރު، ހިޔާ މަޝްރޫއުގެ ދަށުން ގާއިމްކޮށްފައިވާ 16 ޓަވަރަށް ކަރަންޓް ދިނުމުގެ މަސައްކަތް އަންނަ މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.