ހުޅުމާލޭގައި ބާރުގަދަ ގޮވުމެއްގެ އަޑު އިވިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފި އެވެ.

މި ހާދިސާ ހިނގީ ރެހެންދި ސްކޫލްގެ ފުރަގަހުން އޮންނަ ބޯގަންވިލާމަގު، ހައިވޭ ކެފޭ ކައިރީގަ އެވެ. އެ ގޮވުމުގެ އަޑާއެކު ފުލުހުންނާއި ސިފައިން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. އަދި އެ ސަރަހައްދަށް އާއްމުންނަށް ނުވަދެވޭ ގޮތަށް ވަނީ ބަންދުކޮށްފަ އެވެ.

ފުލުހުން ބުނީ އެ ގޮވުމާ ގުޅިގެން އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބުނުކަމުގެ މައުލޫމާތު މިހާތަނަށް ލިބިފައިނުވާ ކަމަށެވެ.

4.208427, 73.540680
ހުޅުމާލޭގައި މިރޭ ބާރުގަދަ އެއްޗެއް ގޮވި އަޑުއިވުނު ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ. ފޮޓޯ: ހުރިހާ

އެ ސަރަހައްދުގައި ހުރި މީހަކު "ހުރިހާ"އަށް ބުނީ ގޮވި ސަރަހައްދުން ބައެއް ތަކެތި ބިންމައްޗަށް ވެއްޓިފައިވަނިކޮށް ފެނިފައިވާ ކަމަށެވެ.

"އެ ގޮވުމުގެ އަޑު އިވުމުން ދިޔައީ ސިއްސައިގެން. މިހާ ބާރުގަދަ އަޑެއް މީގެ ކުރިން ނީވޭ،" އެ ސަރަހައްދުގައި ދިރިއުޅޭ މީހަކު ބުންޏެވެ.

ހުޅުމާލޭގައި މިރޭ ބާރުގަދަ އެއްޗެއް ގޮވި އަޑުއިވުނު ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ. ފޮޓޯ: ހުރިހާ

މި ހާދިސާ ހިނގި ސަރަހައްދުގައި އެމްއެންޑީއެފްގެ ސްޕެޝަލް ފޯސަސް ކޮމާންޑްގެ ސިފައިން ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ. ނަމަވެސް އެއީ ބަޔަކު އެއްޗެއް ގޮއްވާލީ ކަމެއް ނުވަތަ އެހެން ކަމެއް ދިމާވެގެން އިވުނު އަޑެއް ކަމެއް ފުލުހުން އަދި ނުބުނެ އެވެ.