ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިތުރު 81 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިއުލާންކޮށްފި އެވެ.

އެ އެޖެންސީން މިރޭ އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މާލެ ސަރަހައްދުން ޕޮޒިޓިވްވެފައި ވަނީ 20 މީހުންނެވެ. އަތޮޅުތަކުގެ ރަށްތަކުން 44 މީހަކު ޕޮޒިޓިވްވިއިރު، ރިސޯޓްތަކުން 17 މީހަކާއި ސަފާރީތަކުން ތިން މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

ފަހަކަށް އައިސް މާލެއަށް ވުރެ ގިނައިން ޕޮޒިޓިވްވަމުން ދަނީ މީހުން ދިރިއުޅޭ އެހެން ރަށްތަކުންނާއި ރިސޯޓުތަކުންނެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައި ވަނީ ޖުމްލަ 76،627 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 2،601 ގައި މިހާރު ހުރިއިރު 73،795 މީހުން ވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ.

މި ބަލި ޖެހިފައިވާ 18 މީހަކަށް ހޮސްޕިޓަލްތަކުގައި ދަނީ ފަރުވާ ދެމުންނެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް 219 މީހަކު ވަނީ މަރުވެފަ އެވެ.

މާލެއިން ޕޮޒިޓިވްވި އަދަދުތައް ވަރަށް ބޮޑަށް ދަށްވެފައިވާއިރު، ފާއިތުވި ހަ މަހުގެ ތެރޭގައި ވެސް މިވަރަށް ދަށްވެފައެއް ނުވެ އެވެ.