ބޮލީވުޑްގެ ބްލޮކްބަސްޓާ ފިލްމު އަދި ގިނަ ބަޔަކުގެ ތައުރީފު ލިބުނު "ރަންގު ދެ ބަސަންތީ" އަށް ހޮލީވުޑްގެ އެކްޓަރު ޑެނިއަލް ކްރެއިގް އޮޑިޝަންދިންކަން ފިލްމުގެ ޑައިރެކްޓަރު ބުނެފި އެވެ.

2006 ވަނަ އަހަރު ނިކުތް މިފްލުމަކީ ފިލްމުތަކަށް ފާޑުކިޔާ ފަރާތްތަކުން ވެސް އެންމެ ރަނގަޅު ކަމަށް ބުނެފައިވާ އެއް ފިލްމެކެވެ.

ރާކޭސް އޯމްޕުރަކާޝް މެހެރާ އޭނާގެ އޮޓޯ ބަޔޮގްރަފީ "ދި ސްޓްރޭންޖަ އިން ދި މިރޯރް" ގައި މިކަންވަނީ ހާމަކޮށްފަ އެވެ. ރާކޭޝްގެ އޮޓޯބަޔޮގްރަފީ ލިޔެފައި ވަނީ ރީޓާ ރަމަމުރްތީ ގުޕްތާ އެވެ.

"ރަންގު ދެ ބަސަންތީ"ގެ ޒުވާން ޖެއިލަރުގެ ރޯލް ކުޅުމަށް ޑެނިއަލް އޮޑިޝަން ދިން ނަމަވެސް އެ ދުވަސް ކޮޅު "ޖޭމުސް ބޮންޑް"ވަނީ އުފައްދާފަ އެވެ.

"ޑެނިއަލް ކުރެއިގްއަކީ މި ރޯލްއަށް އަހަރެގެންގެ ފުރަތަމަ ޗޮއިސް. ނަމަވެސް ޑެނިއަލް އެދުނީ އިތުރު ވަގުތު މަޑުކޮށްދިނުމަށް. އެއީ އެ ވަގުތު އޭނާ އޮތީ އާއި ޖޭމްސް ބޮންޑްގެ ބަޔަށް ހޮވިފައި. ދެންވީ ގޮތް ތާރީހުން ވެސް އެނގޭނެ،" ޑައިރެކްޓަރު އިތުރަށް ބުނެފައިވެ އެވެ.

ގޯލްޑަން ގްލޯބް އެވޯޑްސް އާއި އެކަޑަމީ އެވޯޑްސް އިން ދި ބެސްޓް ފޮރިން ލޭންގުއޭޖް ފިލްމް ކެޓަގަރީން ރަންގު ދެ ބަސަންތީ ވަނީ ހޮވާފަ އެވެ.