ރާޖްކުމާރު ރާއޯ އަދި ޝްރައްދާ ކަޕޫރު ބިރުވެރި ކޮމެޑީ ފިލްމު "ޝްތުރީ" ދެވަނަ ބައެއް ހެދުމަށް ނިންމައިފި އެވެ.

ރާޖްކުމާރު ރާއޯ އަދި ޝްރައްދާ ކަޕޫރު ލީޑް ރޯލްއިން ފެނިގެންދިޔަ ބިރުވެރި ކޮމެޑީ ފިލްމު "ޝްތުރީ"ގެ ދެ ވަނަ ބައެއް ހެދުމަށް ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓުތަކުން ވަނީ ބުނެފަ އެވެ.

ޕުރޮޑިއުސަރު ދިނޭޝް ވިޖަންއާ ޕިންކުވިލާއިން ޝްތުރީގެ ސީކުއްލްއާ ބެހޭ ގޮތުން ސުވާލު ކުރުމުން ބުނީ 2018 ވަނަ އަހަރު ނެރުނު ފިލްމުގެ ދެ ވަނަ ބައެއް ފެށުމަށް އޮތީ ތައްޔާރަށް ކަމަށެވެ.

"ޝްތުރީ" ދެ ވަނަ ބައެއް ފެށުން ލަސްވެގެން އުޅެނީ ޕަންކަޖް ތުރިޕާޓީއަށް ވަގުތު ނުދެވިގެން ކަމަށާއި ހަމަ އޭނާއަށް މި ފިލްމަށް ވަގުތު ދޭއިރަށް ފިލްމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ވެސް ދިނޭސް ބުންޏެވެ.

"ބޭދިޔާގެ މަސައްކަތް ނިމުމުން 'ޝްތުރީ'ގެ މަސައްކަތް ފެށިގެންދާނެ. ޝްތުރީގެ ސްކްރީންޕްލޭ ލިޔުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި. އަންނަ އަހަރު ފިލްމުގެ މަސައްކަތް ފެށޭނެ،" ދިނޭޝް ބުންޏެވެ.

ދިނޭޝް ވިޖަން މީގެ ކުރިން ވަނީ ހޮރޯ-ކޮމެޑީ ޔުނިވާސްއެއް އުފައްދާނެ ވާހަކަ ބުނެފަ އެވެ.

ދިނޭޝް ބުނެފައި ވަނީ އޭނަގެ ހުރިހާ ހޮރޯ ކޮމެޑީ ފިލްމެއް ގުޅިގެންދާނެ ކަމަށެވެ. ޝްތުރީގައި ޕަންކަޖް ތުރިޕާޓީ، އަބީޝެކް ބެނަޖީ އަދި އަޕަރްޝަކްތީ ކުރާނާ ވަނީ ފެނިގެން ގޮސްފަ އެވެ.