ބްރެޒިލް (11 އޮގަސްޓް) - ތުރުކީ ޕްރައިމް މިނިސްޓްރީން ކުރިން ބޭނުންކުރި ޕްރައިވެޓް ޖެޓަކުން 1.3 ޓަނުގެ ކޮކެއިން އަތުލައިގަނެފި އެވެ.
މި މަސްތުވާތަކެތި އަތުލައިގަނެވުނީ ސްޕެއިންގެ މީހަކު އެ ތަކެތި ބްރެޒިލްއިން ބެލްޖިއަމްއަށް ގެންދަން ކުއްޔަށް ހިފާފައި ވަނިކޮށެވެ.
މި ޕްރައިވެޓް ޖެޓަކީ އޭސީއެމް ހޯލްޑިންގްސް ނަމަކަށް ކިޔާ އަމިއްލަ ކުންފުންޏަކަށް ވިއްކާލުމުގެ ކުރިން ތުރުކީގެ ޕްރައިމް މިނިސްޓްރީގެ މިލްކިއްޔާތުގައި ހުރި ޖެޓެކެވެ.
މި މައްސަލައާ ގުޅޭގޮތުން އޭސީއެމް ހޯލްޑިންގްސް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ކުންފުނީގެ ޖެޓް އުޅަނދެއް ސްޕެއިނަށް ނިސްބަތްވާ މީހަކު ކުއްޔަށް ހިފާފައިވާ ކަމަށާއި އެއިން ފެނުނު މަސްތުވާތަކެއްޗާ އެ ކުންފުންޏާ އެއްވެސް ގުޅުމެއް ނުވާ ކަމަށެވެ.
މި އަހަރުގެ ކުރީކޮޅު މާފިއާ ލީޑަރެއް ކަމަށްވާ ސީދަތު ޕެކަރު ވަނީ ތުރުކީއަކީ ޑްރަގްސްގެ ވިޔަފާރިކުރާ މައި ތަނަކަށް ވެއްޖެ ކަމަށް ތުހުމަތު ކޮށްފަ އެވެ. -- އަލް އަރަބިއްޔާ