ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރުގެ މަގާމަށް ކުރީގެ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އައްޔަން ކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ ޒަހާ މަގާމަށް އައްޔަންކުރައްވައި މަގާމުގެ ފަތްކޮޅު ދެއްވީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގަ އެވެ.

ކުރިން ފިޝަރީޒް މިނިސްޓަރުކަން ވެސް ކުރެއްވި ޒަހާ ވަނީ އޭގެ ކުރީގައި ވެސް ފިޝަރީޒް މިނިސްޓްރީގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވެ އެވެ. މިގޮތުން 1989 އާއި 2008 ވަނަ އަހަރާއި ދެމެދުގައި ޒަހާ ފިޝަރީޒް މިނިސްޓްރީގައި އަދާކުރައްވާފައިވާ މަގާމުތަކުގެ ތެރޭގައި ސީނިއާ ރީސާޗާ، ޑެޕިއުޓީ ޑިރެކްޓަރު، އަދި، ހެޑް އޮފް ޕޮލިސީ ޕްލޭނިން އެންޑް ކޯޑިނޭޝަން ސާވިސްގެ މަގާމު ހިމެނެ އެވެ. މީގެ އިތުރުން، ނޮވެމްބަރ 2013 އިން އޮގަސްޓް 2015 އާއި ދެމެދުގައި މިނިސްޓަ އޮފް ސްޓޭޓް ފޮ ފިޝަރީޒް އެންޑް އެގްރިކަލްޗާގެ މަގާމު ވެސް ޒަހާ ފުރުއްވާފައިވެ އެވެ.

ކުރީގެ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ރައީސް އޮފީހުގެ މިނިސްޓަރު ކަމަށް އައްޔަންކުރެއްވުމަށްފަހު ރައީސް ސޯލިހު މިއަދު ބައްދަލުކުރައްވަނީ. ފޮޓޯ: ރައީސް އޮފީސް

ޒަހާއަކީ، މެރިން ސައިންސް (ފިޝަރީސް ރިސޯސް މެނޭޖްމަންޓް) އިން މާސްޓަ އޮފް ސައިންސް (އެމްއެސްސީ) ހާސިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. މީގެ އިތުރުން، ބެޗެލާ އޮފް ސައިންސް (ބީއެސްސީ ވިތް ޖޮއިންޓް އޮނާސް) އިން މެރިން ބަޔޮލޮޖީ އެންޑް އޯޝެނިއޯގްރަފީ ވެސް ޒަހާ ވަނީ ފުރިހަމަ ކުރައްވާފަ އެވެ.