ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރު ޚާންއަށް ދެވަނަ ދަރިފުޅު ޖޭ ލިބިފައި ވަނީ މިއަހަރުގެ ފެބުރުއަރީ މަހު އެވެ.
ދަރިފުޅު ވިހޭއްސުރެ އެ ދަރިފުޅު ކަރީނާ ގެންގުޅެމުން އައީ މީޑިއާތަކަށް ފޮރުވައިގެންނެވެ. ނަމަވެސް މިދިޔަ ހުކުރު ދުވަހު ކަރީނާ އޭނާގެ ބައްޕަގެ ގެޔަށް ދިޔަ މަގުމަތީ އިންޑިޔާގެ މީޑިއާ ރިޕޯޓަރުންނަށް މިވަނީ ކަރީނާގެ ދެވަނަ ދަރިފުޅު ފެނިފަ އެވެ.
ޖޭ ފެނުމަށް ފަހު މީޑިއާތަކުން ވަނީ އެ ކުއްޖާގެ ފޮޓޯ ނަގައި ސޯޝަލް މީޑިއާއަށް އެ ފޮޓޯތައް ދޫކޮށްލާފަ އެވެ. މިއާއެކު ގިނަ ބަޔަކު ބުނަމުން ގެންދަނީ ކަރީނާގެ ދެވަނަ ދަރިފުޅު ވައްތަރީ ކަރީނާ އާ ކަމަށެވެ.
ކަރީނާގެ ކުޑަ އިރާއި ޖޭ އާ އެއްވެސް ތަފާތެއް ނެތް ކަމަށް ވެސް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ކަރީނާ އާއި ސައިފް ވަނީ ހޮނިހިރު ދުވަހު އެ މީހުންގެ ދެ ކުދިންނާއެކު ރާއްޖެ އައިސްފަ އެވެ. މި މީހުން ރާއްޖެ އައީ އަންނަ ހޯމަ ދުވަހު ފާހަގަކުރާ ސައިފްގެ 52 ވަނަ އުފަންދުވަހަށެވެ.
ކަރީނާ އޭނާގެ އާއިލާއާ އެކު ރާއްޖެ އައިސްފައި ވަނީ ޕްރައިވެޓް ޖެޓް އެއްގަ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސީއައިޕީގެ ލައުންޖުގައި ކުޑައިރުކޮޅަކު މަޑުކޮށްލުމަށްފަހު ކަރީނާ އާއި ސައިފް ލޯންޗެއްގައި ފުރައިގެން ދިޔައީ ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓަށެވެ.